ޚަބަރު
“މާހުއްޓޭ ކުޅިޔާ” ތިނަދޫގަ އޮތް ހަމައެކަނި ގުދުރަތީ ޗާލުކަން

“ތެނަދޫ މާހުއްޓާ” ނުވަތަ ތިނަދޫ މާފުށި ކިޔާ ފަޅު ރަށެއް ގދ ތިނަދޫ އުތުރު ފަރާތު ފަޅެއްގައި އޮތެވެ. ހިތްގައިމު ރީތި މޫދަކާ  ޗާލު ދޮންވެލި ގޮނޑުދޮށެއްް އޮތް ރަށެކެވެ. އެހާ ކުޑަނޫން ރީތި ރަށެކެވެ. ގިނަ ރުއް ތަކާ ގަސްތަކުން ފުރިފައިވާ ރީތި ރަށެވެ. އެރަށަށް ލިބިފައިވާ އެންމެ ފުރިހަމަ ކަމަކީ ރީތި ކުޅިތަކެއް ހުރުމެވެ. މިދެންނެވި ރަށަކީ ތިނަދޫ ކުދިބޮޑު އެންމެން ބޭނުން ވަގުތަކު އައިސް ގޮސް އުޅުނު ރަށެކެވެ. ފުން ދިޔައިގައި ބޮއްކުރާފަހަރުގަ، ހިކިދިޔައިގަ އޮންނައިރު ކަކޫތާ ފެނުގައި ހިނގާފައި ވެސް ގޮސް އުޅުނު ތިނަދޫ ރައްޔިތުންނަށް އަމިއްލަ ވަޒަނެއްކަމުގެ އިޙްސާސް ކުރުވި ރަށެކެވެ. މާޒީގެ އެތައް ހަނދާންތަކަކާ ގުޅުންހުރި ކުޑަ ފަޅު ރަށެކެވެ. މިހާރު ފެންނަ ފަދަ ފޮޓޯތައް އެހާރު ނެގިފައިހުރިނަމައޭ ހިތަށް އަރައެވެ.

މިދެއްކީ މީގެ 21، 22 އަހަރު ކުރީގެ ވާހަކައެކެވެ. މާޒީވެ ފޮތެއްގައި ނެތް ވާހަކަތަކެކެވެ. 2000 ވަނަ އަހަރު ފެށުނު ތަނާހެން ސަރުކާރުން ފެއްޓި ބިން ހިއްކުމުގެ މަޝްރޫޢު ތެރެއިން މިދެންނެވި ފަޅު ރަށް ތިނަދޫއާއި އެއްފަސްވެ ދިޔުމުން މިއަދު ވަނީ އެ ރަށް ޗާޓުންވެސް ގެއްލިފައެވެ. ނުވި ތަނަކަށް އެ ނަންވެސް ބޭނުން ނުކުރެއެވެ. އޮތީ އެ ފަސްގަނޑެވެ. ތިނަދޫއާއި ގުޅުވާލެވިފައިވާ ބިމެކެވެ. 

ނަމަވެސް އެ ފަސްގަނޑުގައި ތިނަދޫ އާއި ގުޅިފައިވާ އެތައް ކަމެއް ހިނގާކަން ފާހަނގަ ކޮށްލެވެއެވެ. ބިމުގެ ނަމަށް ރަސްމީ ސިފައެއްގައި “ތެނަދޫ މާހުއްޓާ” ނެތަސް ތިނަދޫ ކުނިކޮށި، ތިނަދޫ ސެވަރޭޖް ޕްލާންޓް އިތުރުން ސިނާޢީ މަސައްކަތްތައް ދޫކުރެވިފައިވާ އެތައް ބިމެއް ހުރީ އެ ފަސްގަނޑުގައެވެ. އޮޑި ހަރުގެ ތަކާ އެނޫންވެސް މުހިންމު އެތައް ތަނެއް ހުރީ ހަމަ އެ “މާހުއްޓާ”  ގައެވެ.

ތެނަދޫ މާހުއްޓާ ގައި މިވަގުތު ވެސް ފެންނަން އޮތް އެއްތަރިކައަކީ ކުޅިއެވެ. “މާހުއްޓޭ ކުޅިޔާ” ކިޔުން ފެންގަނޑެވެ. ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި ކުޑަ ކުޅި ނެތިވެ ދިޔަޔަސް އަދިވެސް އެއް ކުޅި ފެންނަން އެބަ އޮތެވެ. ކޮންމެވެސް އިރެއްގައި ސަރުކާރުގެ ލޮލަށް އެކުޅި އަރައި ހިމާޔަތް ކުރުމުގެ ސަބަބުން ނަމަވެސް ކުޅި އޭގެ ޖާގަހުގައި އެބަ އޮތެވެ. 

ތިނަދޫ ކުނި ކޮށީގެ އުތުރުން, ރަށުގެ ފާޚާނާ ނިޒާމުގެ ސެވަރޭޖް ސްޓޭޝަންގެ ދެކުނަށް އަދި ސިނާޢީ މަސައްކަތްތައް ދޫކުރެވިފައިވާ ބިންތަކުގެ ހުޅަނގަށް އޮންނަ ކުޅިއަކީ ނަމެއްގައި ހިމާޔަތްކޮށްފައި އޮންނަ ތަނެކެވެ. ތަން އޮންނަނީ ކުނިބުނިން ފުރިފައެވެ. ރައްކާތެރި ކަމެއް އަމުދުން ނެތެވެ. ބައެއް ފަހަރު ޒުވާނުންގެ ހިތަށް ކެތް ނުވެގެން ދޭތެރެ ދޭތެރެއިން އެތަން ސާފު ކޮށްލުމަށް މަސައްކަތްކުރެއެވެ. އެކަމުންވާ މާބޮޑު ފައިދާއެއް ނެތެވެ.

ނަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަމުން އަދިވެސް އެތަން ސިފަވަނީ ތިނަދޫއަށް ގުދުރަތީ ގޮތުން ދެއްވާފައިވާ ފުރިހަމަ ތަނެއްގެ ގޮތުގައެވެ. ރައްޔިތުންގެ ހިތަށާއި ރަށަށް އަރާ ބީރައްޓެހިންނަށް އުފާވެރިކަން ގެނެސްދޭ ތަނެއްގެ ގޮތުގައެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން “މާހުއްޓޭ ކުޅިޔާ” ސާފުކޮށް ރީތި ކުރުމަށް ޙަރަކާތްތެރިވާ ވަގުތެކެވެ. ތިނަދޫގެ ޒުވާނުންތަކެއްވަނީ މިކަމުގައި ވަރަށް ބުރަކޮށް އުޅެން ފަށާފައެވެ. އެވެރިންގެ މަސައްކަތަށް އިތުރު ޖޯޝަކަށްވީ ތިނަދޫ ކައުންސިލުން ދޭން ފެށި އެއްބާރުލުމެވެ. ޢަމަލީ ގޮތުން ނުކުމެ މަސައްކަތް ކުރަން ކައުންސިލްގެ މެމްބަރުން އުޅެން ފެށުމެވެ. ނަތީޖާއަކަށްވީ މަޑުމަޑުން އެންމެންގެ ސަމާލުކަން ލިބެން ފެއްޓުމެވެ. އެމީހަކަށް ވެވުނު ކަމެއްގައި އެހީވެ މަދަދުވެރި ވާން ފެއްޓުމެވެ.

“ތެނަދޫ މާހުއްޓޭ ކުޅިޔާ” ރަށުގެ ލޭންޑް މާރކް އަކަށް ހެދުމަށް ތިނަދޫ ގައި މިވަގުތު ކުރަމުންދާ  މަސައްކަތްތަކާ ގުޅިގެން ހުވަދޫ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގދ ތިނަދޫ ކައުންސިލްގެ ނާއިބު ރައީސް ނަސްރުﷲ ޢަލީ ވިދާޅުވީ ތިނަދޫ ކުޅި ސާފުކޮށް ބެލެހެއްޓޭތޯ އަދި އިތުރަށް ވެސް ކުރެވެންހުރި ކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީ ޒުވާންގެ އަމިއްލަ އިސްނެގުމަށް ކަމަށާއި ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ތިބީ އެކަމުގައި ހުރިހާ އެއްބާރުލުން ތަކެއް ދޭގޮތަށް ކަމަށެވެ. ތިނަދޫ މާފުށީ ކުޅި ސާފު ކުރުމުގައި ޒުވާނެއްގެ ގޮތުގައި ޢަމަލީ ގޮތުން ވެސް ބައިވެރި ވަމުންދާ ކައުންސިލްގެ ނާއިބު ރައީސް ނަސްރުﷲ އިތުރަށް ވިދާޅުވީ، ކައުންސިލްގެ ރައީސް ސަޢުދު އަލީގެ ވެސް ވިސްނުން ހުރީ އެތަން އެންމެ ޒަމާނީކޮށް ތަރައްޤީ ކުރުން ކަމަށާއި ކަމާބެހޭ ފަރާތްތަކަށް ދާން ޖެހޭ ހިސާބުން އެކަންކަން ކޮށްދެއްވާ ގޮތަށް ކަމަށެވެ.

ތިނަދޫ ކައުންސިލްގެ މި ތަރުހީބަށް ޒުވާނުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. “ތެނަދޫ މާހުއްޓޭ ކުޅިޔާ” ތަރައްޤީ ކުރެވިފައިވާ ތަނެއްގެ ގޮތުގައި ދުނިޔެއަށް ދައްކާލުމަށް މަގުފަހިކޮށްދީ ހުރިހާ ގޮތަކުން ކައުންސިލްގެ އެއްބާރުލުން ލިބޭތީއެވެ.

ތިނަދޫ ޒުވާނުން މިފަހަރު މަސައްކަތް ފެށީވެސް ވަރަށް ތަފާތުކޮށެވެ. މަތިން “ތެނަދޫ” އިނގިރޭސި އަކުރު ތަކަކުން  ރީތި ގޮތަކަށް ފެންނަހެން ދައްކާލުމަށް ފަހުއެވެ. ތިނަދޫ އެތެރެ ރަށުގައި ގުދުރަތީގޮތުން މިވަގުތު ފެންނަން އޮތް ހަމައެކަނި ތަން، މީހުން ޒިޔާރަތް ކުރާހިތްވާ ތަނަކަށް ހެދިދާނެ ކަމުގެ ޔަގީންކަން އޮތީމައެވެ. ފަރުވާ ކުޑަކޮށްގެން 2 އަތް އުރާލައިގެން ގިނަ އަހަރު ތަކަކަށް ތިބި ނަމަވެސް މިއީ މުޅި ތިނަދޫގެ އުންމީދެކެވެ. ނަލަނަލަ ރީތި ކުޅިއަށް ގޮސް ދޫނިތައް އުދުހޭ ތަންބަލާ  ގުދުރަތީ ރީތި ކަމުން އުފާ ލިބުމަށް “މާހުއްޓާ ކުޅިޔާ” ތަރައްޤީވެ ދިޔުމަކީ ރައްޔިތުން އަބަދުވެސް ދެކޭހުވަފެނެކެވެ.

Comment