ޚަބަރު
އައްޑޫ ސިޓީ މަރަދޫ ސިއްޚީ މަރުކަޒުގެ ޚިދުމަތް މެދުކަނޑާލައިފި

ސިއްޚީ މަރުކަޒުގައި އެދުމަތި ކުރެވުނު ބަލި މީހަކު ކޮވިޑަށް ފައްސިވެ، ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ޑޮކްޓަރު އައިސޮލޭޓްކޮށް، ސިއްޚީ މަރުކަޒުގެ ޚިދުމަތް ކުރިއަށް އޮތް ތިން ދުވަހަށް (30 ޖުލައި 2021 ވަނަ ދުވަހުން 01 އޮގަސްޓް 2021 އަށް)  މެދުކަނޑުމަށްފަހު، ސިއްޚީ މަރުކަޒު ބަންދުކޮށްފައިވާކަމަށް އެމަރުކަޒުން ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މުވައްޒަފުންގެ ސުންކު ނެގި ނަތީއްޖާ ލިބުމުން އަލުން ޚިދުމަތް ކުރިޔަށް ގެންދެވޭނެކަންވެސް އެ ސިއްޚީ މަރުކަޒުންވަނީ އަންގާފައެވެ.

ހުވަދޫ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފައްސިވި ބަލިމީހާ އަކީ މީގެ ދެދުވަސްކުރިން އެ ސިއްޚީމަރުކަޒުގައި އެދުމަތި ކުރެވިފައިވާ މީހެކެވެ. ގިނައަދަދެއްގެ މުވައްޒަފުންނާއި، ޑޮކްޓަރު އަދި ނަރުހުން ވަނީ ފައްސިވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓް ވެފައެވެ. އަދި މަޢުލޫމާތު ލިބިފައިވާގޮތުގައި މިބަލިމީހާ، ވަނީ އައްޑޫސިޓީގެ އެހެން ކުލިނިކަކުންވެސް ފަރުވާ ހޯދާފައެވެ.

ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ނަރުހުންނާއި ޑޮކްޓަރު، އައިސޮލޭޓް ކުަރަންޖެހުމުގެ ސަބަބުން ސިއްޚީ މަރުކަޒުގެ ޚިދުމަތް ހުއްޓުމަކަށް އައިސް، ސިއްޚީމަރުކަޒުން ދެމުންއައި ޚިދުމަތް ހުއްޓާލައި މަރުކަޒު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މަރަދޫގެ ކޮވިޑް ހާލަތަށް ބަލާއިރު، ކޮމިއުނިޓީ ތެރެއިން ނެގޭ ރޭންޑަމް ސާމްޕަލްތަށްވެސް ޕޮޒިޓިވް ވެފައި ވާކަން ފާހަގަކުރެވެއެވެ.