ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމް އަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވިހާއްސަ ޖަލްސާއެއްގައި މުހައްމާގެ ފޯމާއި ހަވާލުވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އިހަވަންދޫ ދާއިރާއަށް މުހައްމާ ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ ގެ ޓިކެޓްގައެވެ. އަދި އިންތިހާބުވިތާ ގިނަ ދުވަހެއްނުވެ މުހައްމާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
މުހައްމާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލިފައިވާކަމަށް އޭރުގެ ސަރުކާރުން ބުނި 12 މެމްބަރުންގެ ތެރެއިން ހިމެނޭ މެމްބަރެކެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޓިކެޓުގައި މުހައްމާ ވަނީ މަޖިލީހުގެ ގޮޑިއަށް ވާދަކުރައްވާފައެވެ. ނަމެވެސް އެމްޑީޕީގެ ޕްރިމަރީން މުހައްމާ ވަނީ ނާކާމިޔާބުވެފައެވެ.
މުހައްމާގެ އިތުރުން އެމްޑީޕީގެ ކުރީގެ ބައެއް އާންމު މެމްބަރުންތަކެއް ވެސް މިރޭ ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައެވެ. އަދި މިސަރުކާރުގެ ކުރީގެ މިނިސްޓަރުންނާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ.