ކައުންސިލްތަކުގެ މެދުގައި، އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށާއި ޘަޤާފީ ކަންކަން ދިރުވާ، ގުޅުން ބަދަހި ކުރުމަށް، މާލޭ ސިޓީ ކައުންސިލާއި ގދ.އަތޮޅު ކައުންސިލާއި ދެމެދު ވެވޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ. މި ފަހުމުނާމާގައި ސޮއިކުރީ މާލެސިޓީ ކައުންސިލުން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި ގދ އަތޮޅުން އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲއެވެ.
މިއީ މާލޭ ސިޓީކައުންސިލާއި ގދ.އަތޮޅު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުން ދެފަރާތުން ގުޅިގެން މަސައްކަތްތައްކުރުމަށް މަޝްވަރާކުރެވި އެ މަސައްކަތްތައް ކުރުމުގައި ދެފަރާތުން ގެންގުޅޭނެ ހަމަތަކާ އުސޫލުތައް ބަޔާންކޮށް އެއްބާރުލުން ދިނުމަށް ކަނޑައެޅި ކަންކަން ބަޔާންކުރުމަށް ހެދިފައިވާ ފަހުމުނާމާ ނުވަތަ އެއްބަސްވުމެކެވެ.
މި ފަހުމުނާމާގެ މަޤްޞަދަކީ އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޘަޤާފީ ގޮތުން ދެ ކައުންސިލް ދެމެދުގެ ގުޅުން ބަދަހި ކުރުމާއި އަދި ދެ ކައުންސިލު އިދާރާގެ ދެމެދުގައި އެއްބާރުލުން ދޭނޭ ކަންކަން ބަޔާންކޮށް އެގޮތަށް އެއްބަސް ވެވުނުކަމުގެ ހަނދާނެއް އޮތުމެވެ.
ދެފަރާތްގުޅިގެން އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަންކަން
- ފަންނީ އަދި އިޖްތިމާޢީ ކަންކަމުގައި ދެފަރާތުން އެއްފަރާތުން އަނެއްފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުން
ދެފަރާތުން ކުރާ ދަތުރުތަކުގައި އިންތިޒާމްކޮށްދޭންޖެހޭކަންކަމުގައި ހަމަޖެހިފައިވާ އުސޫލުގެދަށުން ދަތުރާގުޅޭ ކަންކަން އިންތިޒާމްކޮށްދިނުން
މީހުންތަމްރީންކުރުމުގައި ތަޖުރިބާލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން - މި ފަހުމްނާމާގެ 6 ވަނަ މާއްދާ އަދި 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދެފަރާތުގެ ޒިންމާތަށް ފުރިހަމައަށް އަދާކުރުން.
- ދެފަރާތުގެ ގުޅުން ދެމެހެއްޓުން.
މި އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލާއި ގދ. އަތޮޅު ކައުންސިލުގެ ޒިންމާ ތަކުގެ ތެރޭގައި އެއް އިދާރާއިން އަނެއް އިދާރާއަށް އެހީތެރިކަމަށް އެދުމުން އެކަމެއް ކޮށްދިނުން ނުވަތަ މަގުފަހިކޮށް ދޭން ޖެހޭނެ އެވެ. މުވައްޒަފުން ތަމްރީނު ކުރުމާއި ޓެކްނިކަލީ އެހީވުމާއި ފަންނީ ގޮތުންނާއި ލިޔެކިޔުންތައް ފޯރުކޮށްދޭން ޖެހިއްޖެހިނދަކު ދެއިދާރާ ދެމެދު މިކަންތައްތައް ބަދަލުކުރެވެން ޖެހެއެވެ.
މިފަހުމުނާމާގެ ދަށުން ކުރާ މަސައްކަތުގެ މައުލޫމާތާއި ރެކޯޑު ދެފަރާތުންވެސް ބަލަހައްޓަން ޖެހޭނެ ކަމަށާއި ބަދަލު ކުރެވޭ މައުލޫމާތުތައް ސިއްރު ކުރަން ޖެހޭނެކަމަށްވެސް އަދި ހުއްދަ ލިބިގެން ނޫނީ ދެކައުންސިލު އިދާރާއަކަށްވެސް އެހެން އެއްވެސް ފަރާތަކާ އެއްވެސް މައުލޫމާތެއް ހިއްސާނުކުރެވޭނެ ކަމަށްވެސް ވެއެވެ.
އެއްބަސްވުން އުވާލަން ބޭނުން ވެގެން އެއްވެސް މަގުބޫލު އުޒުރެއް ނުވަތަ ސަބަބެއް އޮވެގެން ކަމަށްވާނަމަ ދެ ފަރާތުން އޮތް ފައިސާގެ މުއާމަލާތެއް ނިންމައި ހަލާސްކުރުމާއި ލިޔުމަކުން ތިނެއް މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު މިފަހުމުނާމާ ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު ފަހުމުނާމާގެ ކޮންމެ ބައިވެރިއަކަށްވެސް ލިބިގެންވެއެވެ.
މިފަހުމުނާމާ ހިންގައި، މާނަކޮށް، ތަންފީޒުކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ފަހުމުނާމާ ބާޠިލުކުރުމަށް އެދުމުން ކުރަންފެށި ނަމަވެސް މި ފަހުމުނާމާ ބާޠިލުވާ މުއްދަތާ ހަމައަށް ނުނިމި ހުރި އެންމެހައި މަސައްކަތްތައް ދެ ފަރާތުންވެސް މަޝްވަރާކޮށް އެއްބަސްވެވޭ ގޮތެއްގެމަތިން ކޮށް ނިންމަންވާނެއެވެ.
ކައުންސިލްތަކުގެ މެދުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީގޮތުން، ކުރަންޖެހޭ މަސައްކަތްކުރުމަށާއި، ސަގާފީ ކަންކަން ދިރުވާ ގުޅުން ބަދަހިކުރުމަށް މާލެ ސިޓީ ކައުންސިލާއި ގދ އަތޮޅު ކައުންސިލާއި ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކުރީ މާލެސިޓީ ކައުންސިލުން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި ގދ އަތޮޅުން އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲއެވެ.