ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ގދ ނަޑެއްލާ ނޫރަންވިލާ އަބްދުﷲ އިބްރާހިމެވެ.
ރަށު ކައުންސިލުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ އިބްރާހީމް މަރުވެފައި ވަނީ ހެނދުނު އެއްވެސް މީހަކާ ނުލައި އެކަނި މަސް ބާނަން ގޮސް ނުކުމެ އުޅެނިކޮށް ކަމަށްވެއެވެ. ހެނދުނު ގެއިން މަސް ބޭނުމަށް ދިޔަ ގޮތަށް ހަބަރެއް ނުވެ އެތައް އިރެއް ވުމުން ވީ ގޮތެއް ބަލަން އެހިސާބަށް ދިޔުމުން ފެނުނީ މަރުވެފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު މެންދުރު ފަހު 3 އެެއް ޖަހާ ކަށްހާ އިރު އޭނާގެ ދަރިންނަށެވެ. ހަށިގަނޑު ފެނުނީ މޫދުންނެވެ.
އަބްދުﷲ އިބްރާހީމްގެ ހަށިގަނޑު ގެންދެވިފައި ވަނީ ރަށު ސިއްހީމަރުކަޒަށް ކަމަށް ވެއެވެ. އަދި މިހާރު އަބްދުﷲ އިބްރާހީމް ގެ ޖަނާޒާގެ ކަންތައްވެސް ވަނީ ނިމިފައި ކަމަށް ވެއެވެ. (މާތްﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކޮށްދެއްވާށި އާމީން!)