ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ މި ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަދެވަޑައިގަތުމާ ހަމައިން ތަފާތު އެކި މައްސަލަތައް ފެންމަތިވެ، ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން މަޖިލީހުގެ ތަޅުމުން ނެރެން ބައެއް މެންބަރުންގެ ނަން އިއުލާންކޮށް އަދި މެންބަރުން ނެރުމުގެ ތެރޭގައި އަނިޔާވެ މަޖިލީހުގެ މަސްރަހު ގޯސްވާ މަންޒަރު ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
މަޖިލީހުގެ ލައިވް ސްޓްރީމް މެދުކަނޑާލި ނަމަވެސް ސައީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ ތަޅުމުން ނެރޭ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައީދު ގަދަކަމުން ނެރެނިކޮށް އޭނާގެ ހެދުންކޮޅު ވީދުނެވެ. އަދި ސިފައިންގެ ހަތަރު އޮފިޝަލަކު ވަނީ އޭނާގެ ދެއަތާއި ދެފައިގައި ހިފައި އުފުއްލާލައިގެން ތަޅުމުން ބޭރުކޮށްފަ އެވެ. ސައީދުގެ އިތުރުން ޝިޔާމް އާއި ފަޒުލް ވެސް އުފުލާލައިގެން މަޖިލީހުން ނެރޭ މަންޒަރު ފެނެއެވެ.
މަޖިލިސް މެދުކަނޑާލައި އިދިކޮޅު މެންބަރުން ނެރުމަށް ފަހު ޖަލްސާ އަލުން ކުރިއަށް ގެންގޮސްފަ އެވެ. އަދި ރިޔާސީ ބަޔާން އިއްވުމަށް ފަހު މިހާރު ޖަލްސާ ވަނީ ނިންމާލާފަ އެވެ.
އިދިކޮޅު މެންބަރުން ތަޅުމުން ނެރުމުން އެ މެންބަރުން ދިޔައީ މަޖިލީހުގެ ބޭރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާ ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރަމުން ދިޔަ އިރު ޕީޕީއެމް އާއި ޕީއެންސީގެ އާންމު މެންބަރުން މަގުމަތީ މުޒާހަރާ ކުރަމުން ދާތީ ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސާފައެވެ.
އަދި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.