ޚަބަރު
ތިނަދޫއިން މިއަދު ރެންޑަމް ސާމްޕަލެއް ފައްސިވެފައެއް ނުވޭ: ޑރ.އޭއެސްއެމް އެޗް

ގދ.ތިނަދޫ އިން ކޮވިޑް19 އަށް މިއަދު ފައްސިވި މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލެއް ނުހިމެނޭ ކަމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ތިނަދޫ އިން މިއަދު ފައްސިވި މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލެއް ހިމޭނޭ ކަމަށް “ހުވަދޫ ނިއުސް” އިން ޝާއިއު ކުރި ޚަބަރު ދޮގުކޮށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ އެ ހޮސްޕިޓަލުގެ މީޑިއާ ވައިބާރ ގްރޫޕްގައި ވިދާޅުވީ، ފްލޫ ކްލިނިކުން ޕޮޒިޓިވްވާ ކޮންމެ ސާމްޕަލަކީ ރޭންޑަމް ސާމްޕަލެއް ނޫން ކަމަށާއި، ރޭންޑަމް ސާމްޕަލެއްތޯ ކަނޑައަޅާނީ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހުގައި ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.

“ހުވަދޫ ނިއުސް” އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ތިނަދޫ އިން ކޮވިޑް19 އަށް ފައްސިވި 4 މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލެއް ހިމެނިފައިވެއެވެ.

އެހެން ނަމަވެސް، “ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުން، މިއަދު ފައްސިވި އެއްފަރާތަކީ ކަރަންޓީނުގައި ނެތް އާންމު ފަރާކެވެ.

“ހުވަދޫ ނިއުސް” އަށް ލިބުނު މައުލޫމާތާއި ގުޅިގެން، ތަކުރާރުކޮށް ހޮސްޕިޓަލް ގެ މެނޭޖަރ އަހުމަދު ސައީދު އަދި ސާލިމް އަލީ އަށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ، ކޭސް އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.