ކޯވިޑް19 އަށް ފައްސިވެ ފަރުވާ ހޯދަން ޖެހޭ މީހުން ގިނަވުމުގެ ސަބަބުން, ހުޅުމާލޭގައި ގާއިމް ކުރި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިވަގުތު އެޑުމިޓު ކޮށްގެން ފަރުވާދޭ އެއްވެސް ބަލި މީހަކު ނެތް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކި، މާލޭ ސަރަހައްދުގެ ހޮސްޕިޓަލު ތަކާއި އެއް ފެންވަރެއްގައި އެއް ފަހަރާ 290 މީހުންނަށް ފަރުވާ ދެވޭނެ ފެންވަރަށް ގާއިމް ކުރި ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި އެންމެ ފުރަތަމަ ކޯވިޑް 19 ގެ ބަލި މީހަކު އެޑުމިޓު ކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 07 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޯވިޑް 19 ގެ ކޭސްތައް ފަހަކަށް އައިސް މަދުވާން ފަށާފައި ވާއިރު، ރާއްޖެއިން މިހާތަނަށް މިބަލީގައި 221 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލީގައި ގިނަ އަދަދަކަށް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު ގިނަ ބަޔަކަށް ފަރުވާ ދިނީ މި ތަނުގައެވެެ.