ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝަވަތު ގަބޫލުކުރުމުގެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއްގެ ޝަރީއަތެވެ.
މި މައްސަލާގައި މީގެކުރިން ވެސް އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް، ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މިއަދު ހެނދުނު 9:00 އަށް ތާވާލުކޮށްފައިވާ ޝަރީޢަތުގެ އަޑުއެހުމަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައަކާ ގުޅިގެން އުފުލާފައިވާ ދަޢުވާއެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީން ރައީސް ކަމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.