ގއ ވިލިނގިލި އަނެއްކާވެސް މޮނިޓަރިންއިން ނެގިތާ 4 ދުވަސް ފަހުން އަނެއްކާވެސް މޮނިޓަރިންގ އަށް ލައިފިއެވެ.
ގއ ވިލިނގިލީ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްޚީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 09:00 އިން ފެށިގެން އެރަށް ވަނީ މޮނިޓަރިންގ އަށް އަަލުން ގެނެވިފައި ކަމަށްވެސް އެޗްޕީއޭގެ ލިޔުމުގައި ބުނެފައިވެއެވެ.
ގއ ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހުމަދު “ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މީގެ އެއްގަޑިއިރު ކުރިން ވިލިނގިލީ މޮނިޓަރިންގ ހާލަތަށް އަނެއްކާވެސް ގެނެވުނީ ގއ. ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފަކު ބަލީގެ އަލާމާތްތައް ހުރެގެން ވިލިނގިލީ ހޮސްޕިޓަލަށް ދެއްކުމުގެ ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާތީއެވެ.
އަދި މިހާރު ގެންދަނީ އެފަރާތުގެ ކޮންޓެކްޓް ޓްރޭސިންގް ހަދަމުން ކަމަށާއި، ނަމަވެސް އެފަރާއި ގުޅުންހުރި އިތުރު ފަރާތެއް ކޮވިޑް-19 އަށް ފައްސިނުވެއްޖެ ނަމަ މޮނިޓަރިން އުވާލެވޭނެ ކަމަށެވެ. މިވަގުތު ވިލިނގިލީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ 6 ފަރާތެއް ތިބި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ގއ ވިލިނގިލީގައި ކޮވިޑް-19 ގެ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ ދެމަސް ފަހުން 27 ޖުލައި (އަންގާރަ) ދުވަހު ރަށުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ވަނީ މޮނިޓަރިންގ އުވާލާފައެވެ.