ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ގުޅިގެން އެމަނިކުފާނާ ދެކޮޅަށް 80 އަށް ވުރެ ގިނަ ހެއްކި ދައުލަތުން ހުށަހަޅައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މިއަދު ދެފަރާތުން ވެސް ވަނީ ހެކި ހާމަކޮށްފަ އެެވެ.
ދައުލަތުން ވަނީ ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދެ ދައުވާ އެއް އުފުލާފައިވާއިރު ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކޮށްފައިވާ ދެ ދައުވާ އެވެ.
ރައީސް ޔާމީން ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތު ނަންގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން މަނީލޯންޑާ ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ހެކި ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން ދައުލަތުން ގިނަ ހެކިތަކެއް ވަނީ ހުށައަޅާފައެވެ. މިގޮތުން ދައުލަތުން ވަނީ ޖުމްލަ 86 ހެއްކެއް ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައެވެ.
މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ހަމައެއާއެކު ސަންގެ ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅުން ހުރި ހުރިހާ ކުންފުނި ތަކުން ވަނީ މި ދައުވާތަކަށް އިންކާރު ކޮށްފައެވެ.
ރާއިސް ޔާމީން މައްޗަށް އިތުރު ދައުވާ ތަކެއް އުފުލިފައިވާ އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލައެއް ގައި މިހާރުވެސް ދަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.