ރިޕޯޓް
އޭލެވެލް އިމްތިހާންތައް ފެށެން 60 ދުވަސް! ކިޔަވަން ފަށާކަށް ނުވޭތަ؟

ގިނަ ސަބަބުތަކަކާއި ހުރެ ދިގުލައިގެން ދިޔަ އޭލެވެލް އިމްތިޙާންތައް އަންނަ އޮކްޓޫބަރު މަހު 04 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

2019 ވަނަ އަހަރު އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އިމްތިޙާންތައް ވަނީ ޖުމްލަ 4 ފަހަރެއްގެ މަތިން ބަދަލުވެ، 36 މަސް ދުވަހަށް ދިގުލައިގެން ގޮސްފައެވެ. މިއީ އާންމުކޮށް ބެޗެލަރސް ޑިގުރީ ހެދުމަށް ހޭދަވާ މުއްދަތެވެ. 19، 20 އަހަރު ފުރި، އެކުގައި އޯލެވެލް ކިޔެވި ބައެއް ކުދިން އެކުދިން ހަދާ ޑިގްރީގެ ދެވަނަ އަހަރު ނިމި އަނެއްބައި ކުދިން ރަނގަޅު އާމްދަނީ އެއް ލިބޭ ވަޒީފާތަކުގައި އުޅޭ ތަން ފެނުމުން އޭލެވެލްގައި ތާށިވެފައި ހުރި ކޮންމެ ކުއްޖަކުވެސް ދެރަވާނެކަން ޔަގީނެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިހުރިހާ ޗަރުކޭހެއް ކުޅެން ޖެހޭ އިރުވެސް ގިނަ އަދަދެއްގެ ދަރިވަރުން އެތަކެއް ގުރުބާނީއެއް ވެގެން އޭލެވެލްގައި ދެމިތިބި ކަމެވެ.

އޭލެވެލް އިމްތިޙާންތައް ފެށެން މިހާ ކައިރިވެފައި ވާއިރު ވެސް ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް މިތިބީ ޗުއްޓީ މޯޑްގައެވެ. އަނގައިން 60 ދުވަހޭ ބުނަން ފަސޭހަ ވިޔަސް ރަސްމީ ދުވަސްތަކަށް ބަލާއިރު ލިބެނީ އެންމެ 39 ދުވަހެވެ. މި 39 ދުވަހުގެ ތެރެއިން މޮކް އެގްޒާމަށް 6 ވަރަކަށް ދުވަސް ހޭދަވާނެއެވެ. ސުކޫލުގައި ކިޔަވަން މިލިބެނީ 4 ވަރަކަށް ހަފްތާއެވެ. އެހެންކަމުން ދެން އޮތީ ސުކޫލްތަކާއި ދަރިވަރުންގެ ހިތްވަރެވެ.

ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް އިތުރު ގަޑިތައް ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ދަރިވަރުންނާއި ސުކޫލުތަކުންންނެވެ. ގޭގައި ލިބޭ ހުސް ވަގުތުގައި ކިޔަވާނީތޯ ނުވަތަ ޓިކްޓޮކް ބެލުމުގައި ވަގުތު ހޭދަކުރާނީތޯ ނިންމާނީ ދަރިވަރުންނެވެ. އަދި އިތުރު ގަޑިތަކަށް ހާޒިރުވާނީތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ދަރިވަރުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ނުކިޔަވާ ހުރެ އިމްތިޙާން ހަދައި އެއިން ފެއިލްވުމުން ބޭކާރުވެގެން އެދިޔައީ އުމުރުން 3 އަހަރު ދުވަހެއް ނޫން ހެއްޔެވެ؟ ތިހާ ކަން ފަސޭހަ ކޮށްލައިގެން އުޅެންޏާ 60 ދުވަސް ތެރޭ ތިޔަ ހަދާ 5 ނުވަތަ 6 ވަރަކަށް މޮޑިޔުލް ދަސްވާނެ ހެއްޔެވެ؟ ފާސްވާނެ ހެއްޔެވެ؟ ކިޔަވަން ފަށާކަށް ނުވޭ ހެއްޔެވެ؟

Comment