ޚަބަރު
ވިލިނގިލީގެ މަގުތަކުގައި ފެން ބޮޑުވާތީ ދާއިމީ ޙައްލެއް ހޯދަނީ

 ގއ. ވިލިނގިލީގެ މަގުތަކުގައި ފެން ބޮޑުވާތީ ދާއިމީ ޙައްލެއް ހޯދުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ، އެމް ޑަބްލިއު އެސް އޭ އާއިއެކު މަޝްވަރާ ތައް ފަށައިގެން ކުރިޔަށް ދާ ކަމުގައި ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ވިލިނގިލީ ކައުންސިލުން އެރަށުގައި ބޭއްވި ރައްޔިތު ބައްދަލުވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ރަށުގެ ތާރު މަގުތަކާ އަދި އެހެނިހެން މަގުތަކުގައި ވެސް ފެންބޮޑުވެ ގިނަ ވަގުތު އެގޮތަށް ހުރުމުގެ ސަބަބުން ވަރަށް ގިނަ އުނދަގޫ ތަކާ އަބަދުވެސް ކުރިމަތިލާން ޖެހޭ ކަމަށާއި މިހާރު ކައުންސިލް ގެ ވިސްނުމަކީ ކިތަންމެ ބޮޑު ހޭދަ އެއް ކޮށްގެން ނަމަވެސް އެކަމުގެ ޙައްލު ހޯދުން ކަމަށެވެ.

5 އަހަރުގެ ޕްލޭން ގައި ވެސް އެކަން ވާނީ ހިމަނާފައި ވާނޭކަމާއި, އަދި އެންމެ ބޮޑު ސަމާލު ކަމެއް ދޭން އެއް ކަމަކުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލަ ހިމެނިފައިވާކަމުގައެވެ. “މިހާރުވެސް އަޅުގަނޑު މެން އެކަމަށް ޙައްލު ހޯދުމަށް ތަޖުރިބާ ކާރުންނާ ވާހަކަ އެބަ ދައްކަން. މަޝްވަރާ ތައް ދަނީ ކުރިޔަށް”  ވިޝާލް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ފެންބޮޑުވާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށާއި ވިލިނގިލީގައި ޙައްލު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.