އައްޑޫ ސިޓީގެ ފޭދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އިސްތިއުފާ ދިނުމަށް ގޮވާލައިފި އެވެ.
މޭޔަރުގެ އިސްތިއުފާއަށް ގޮވާލާފައި ވަނީ ފޭދޫ ހިއްކި ބިމުގައި ޖަހަން ގެންގޮސްފައި ހުރި ބޮޑު ހިލަތަކެއް އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑެމީގެ މަސައްކަތްތަކަށް ގެންދާތީ އެކަމާ ހިތްހަމަނުޖެހިގެން ކުރި އިހުތިޖާޖުގެ ތެރެއިންނެވެ.
އިއްޔެ ހެނދުނުން ފެށިގެން ބޮޑު ހިލަތައް ގެންދިއުމުގެ މަސައްކަތް ފެށީ މޭޔަރު އަލީ ނިޒާރު އަންގަވައިގެން ކަމަށް އިހްތިޖާޖުގެ ބައިވެރިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ގެންދިޔަ ހިލަތައް އަނބުރާ އެ ސަރަހައްދަށް ގެނައުމަށް އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވެ އެވެ.
އިހްތިޖާޖު ކުރަމުން ދިޔަ މީހުން ރުޅިގަދަވެފައި ތިއްބި ނަމަވެސް އިއްޔެ ހަވީރު މޭޔަރު އަލީ ނިޒާރު ވަނީ އިހްތިޖާޖު ހިނގަމުން ދިޔަ ސަރަހައްދަށް ވަޑައިގެނެ، ކަމުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްްވަން މަސައްކަތް ކުރައްވާފަ އެވެ. އެހެން ނަމަވެސް މޭޔަރު ނިޒާރު ވާހަކަ ދައްކަވަން ފެއްޓެވުމުން އެމީހުން ވަނީ ނިޒާރުގެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ކަމަށް ބުނެ ހުތުރު ބަހުން މުއާމަލާތުކޮށް ނިޒާރުގެ އިސްތިއުފާ އަށް ތަކުރާރުކޮށް ގޮވާފަ އެވެ.
މީގެ އިތުރުން ބައެއް މީހުން ވަނީ ނިޒާރަށް ހަމަލާ ދިނުމަށްވެސް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އިހުތިޖާޖުގެ ބައިވެރިންނަށް އެ ފުރުސަތު ނުދީ އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.
އިހުތިޖާޖުގެ ބައިވެރިންނާއި ވާހަކަ ދެއްކޭނެ ފުރުސަތެއް ނުލިބުމުން ނިޒާރު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ. މޭޔަރު ނިޒާރާ އެކު އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ފޭދޫ މާދެލަ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު އިބްރާހިމް ފައިސަލް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.