ކޮރަޕްޝަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދެވި ވިސްލްބްލޯވާ ޕޯޓަލަށް ހުށަހެޅުނު 264 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތަކަށް ބިނާކޮށް މިދިޔަ މަހުގެ ނިޔަލަށް 264 މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މުއައްސަސާއަކަށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ލަފާދީފައިވާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ނުސީދާކޮށް ނުވަތަ ނޭނގުމުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ބައެއް މައްސަލަތައް ވެސް ވިސްލްބްލޯވާ މެދުވެރިކޮށް މުއައްސަސާގެ އިސްވެރިޔާއާ މުއާމަލާތް ކޮށްގެން ހުއްޓުމަކަށް ގެނެެސްފައިވާ ކަމަށެވެ.
2019 ގައި ވިސްލްބްލޯވާ ގެ ނަމުގައި ޕޯޓަލެއް ތައާރަފް ކޮށް ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ހިއްސާ ކުރާ މީހާއަށް ހިމާޔަތް ލިބިގެން އޮންލައިންކޮށް ރިޕޯޓް ކުރެވޭ މި ވަސީލަތަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކޮށް ކޮރަޕްޝަން ހުއްޓުވަން އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
އެޗްއާރްސީއެމް ގެ ދަށުގައި އޮންނަ ވިސްލްބްލޯ ޔުނިޓަކީ ކޮރަޕްޝަނުގެ މައްސަލަތައް ހުށައަޅާިއި ދޭ މީޙުންގެ މައުލޫމާތު ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެމީހުން ހިމާޔަތް ކުރުމެވެ. މި ޕޯޓަލް މެދުވެރިކޮށް ވިސްލްބްލޯ ކުރާ ފަރާތްތަށް ރައްކާތެރި ކުރާނެ ގާނޫނެ ވެސް ވަނީ ހަދާފައެެވެ.