ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމައި އޭގެ ތަފްސީލުތައް މާދަމާ ހާމަކުރަން ނިންމައިފި އެވެ.
މާދަމާ މެންދުރު 2:00 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާއި މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރުމާ ގުޅޭގޮތުން ނިންމާފައިވާ ކަންކަމުގެ ފުރިހަމަ ތަފްސީލު ހިއްސާކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
އެ މައްސަލައާ ސީދާ ގުޅުންހުރި 10 މީހަކު ހައްޔަރުކޮށް، މިހާރު ވެސް ފަސް މީހެއްގެ ތަހުގީގު ކުރިއަށްގެންދެ އެވެ. އެއީ؛ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލާ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.
ހައްޔަރު ކުރެވުނު 10 މީހުންގެ ތެރެއިން މިހާތަނަށް 5 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އެއީ؛ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި މަނަދޫ، ނޫރީގޭ އަލީ ހައިޝަމެވެ.
މިއިން އެއްވެސް ފަރާތެއް އެބޭފުޅުންގެ ގޯހަކުން ޖަލު ހުކުމުން ސަލާމަތް ވިޔަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މީގެ ކުރިން ޕީޖީ ޝަމީމް ވަނީ ދެއްވާފައެވެ.