އެމެރިކާގެ ނިއުޔޯކްގެ ގަވަރުނަރު އަންދްރޭ ކޫމޯ އެތައް އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ނިއުޔޯކްގެ އެޓާނީޖެނެރަލް ލެޓީޓިއާ ޖޭމްސް ކުރި ތަހްގީގުން ހާމަވެއްޖެއެވެ.
ތަފާތު އަންހެނުންނަށް ކޫމޯގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމުގެ ތުހުމަތު މީޑިޔާތަކުން މީގެ ކުރިން ކޮށްފައި ވީނަމަވެސް، މިހުރިހާ ތުހުމަތުތައް ކޫމޯ ވަނީ ދޮގު ކުރައްވާފައެވެ. މީގެ ކުރިން މިޑިޔާގައި ޚަބަރުތަށް ފެތުރިފައިވާގޮތުގައި ކޫމޯގެ ކުރީގެ މުވައްޒަފުން ހިމެނޭގޮތަށް 11 އަންހެނަކަށް ކޫމޯގެ ފަރާތުން ޖިންސީ ގޯނާ ލިބިފައި ވެއެވެ. މިފަދަ އަޑުތަކެއް މީޑިޔާގައި ގަދަވާން ފެށުމުން، ކޫމޯ މަގާމުން އިސްތިއުފާ ދެއްވަން މީގެ ދެތިން މަސް ކުރިން ވަރަށް ގިނަ ބަޔަކު ގޮވާފައި ވެއެވެ. ނަމަވެސް ކޫމޯ އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
ނިއުޔޯކްގެ އެޓާނީ ޖެނެރަލް ނެރުނު ރިޕޯޓްގައި ގިނަ އަންހެނުންތަކަކަށް ކޫމޯގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅަން ރިޕޯޓްގައި ލަފާދީފައި ނުވެއެވެ. ނިއުޔޯކްގެ އެޓާނީ ޖެނެރަލް ނެރެފައިވާ މިރިޕޯޓް ބުނާގޮތުން ކޫމޯ އޭނާގެ އަމިއްލަ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާއި އެހެން ސްޓޭޓްތަކުގެ މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކޮށްފަައި ވެއެވެ. އަދި ސިފައިންގެ މީހަކަށް ވެސް ކޫމޯގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ކުރިމަތިވެފައި ވެއެވެ.
އެޓާނީޖެނެރަލްގެ ރިޕޯޓާއި ގުޅިގެން ކޫމޯ އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އޭނާގެ އޮފީހުން ވެސް އެޓާނީޖެނެރަލްގެ ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށް މީޑިއާއަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ކޫމޯ އާއި ގުޅޭގޮތުން ނެރުނު ރިޕޯޓާއިއެކު އަނެއްކާވެސް އޭނާގެ އިސްތިއުފާއަށް ގޮވާލާ މީހުންގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ.