ވަޒީފާއިން ވަކިކޮށްފައިވަނީ، ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރެއްކަމުގައިވާ މުޙައްމަދު އަޝްރަފްއެވެ.
އަޝްރަފް ވަޒީފާއިން ވަކިކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) މަރާލަން ޖެހޭ ކަމަށް ބުނެ އޭނާގެ ފޭސްބުކްގައި ޕޯސްޓް ކުރުމުންނެވެ.
މުޙައްމަދު އަޝްރަފް އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ ކަމަށެވެ. އެމައްސަލަ ފެންމަތިވުމުން މެއި މަހުގެ 09 ވަނަ ދުވަހުން ފެށިގެން މުޙައްމަދު އަޝްރަފް ހުރީ ސަސްޕެންޑް ކޮށްފައެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިރޭ ވިދާޅުވީ މުޙައްމަދު އަޝްރަފް ވަޒީފާ އިން ވަކިކުރީ އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލާ ނިންމުމަށް ފަހު އޭނާ ވަކިކުރުމަށް އެދުމުން ކަމަށެވެ.
މުޙައްމަދު އަޝްރަފް ވަކިކުރީ އޭނާގެ ޕޯސްޓުގައި މަރުގެ އިންޒާރު ދީފައިވާއިރު، އެއީ ޓެރަރިޒަމް ގާނޫނުގެ ދަށުން ކުށަކަށްވާތީ ކަމަށާއި އަދި ކުޑަކުދިންތަކަކަށް ކިޔަވައިދޭ މީހަކު އެފަދަ ވާހަކަތަކެއް ދެއްކުމަށް ފަހު ދެން މަގާމުގައި ބަހައްޓައިފިނަމަ ވެދާނެ ގެއްލުމަކަށް ބަލާފައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.
މަރުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުންނާއި އަދި އެހެން ބައެއް ގާނޫނުތަކުން ވެސް ކުށެކެވެ. ނަމަވެސް މުޙައްމަދު އަޝްރަފްގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާކަމެއް އެނގިފައެއް ނުވެއެވެ. ވައްޑޭ މަރާލަން ގޮވާލައި މުޙައްމަދު އަޝްރަފް ޕޯސްޓެއް ކޮށްފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ވައްޑެ ދެއްކެވި ވާހަކައެއް ހިއްސާ ކުރަމުންނެވެ.
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ކެބިނެޓްގައި މަޝްވަރާ ކުރުމުން ވައްޑެ އެ ކަމަށް ފާޑުވިދާޅުވެފައި އޮތުމުންނެވެ. އެ ކަން ކުރަން އުޅުނު މީހުން ވައްޑެ ސިފަ ކުރެއްވީ “ސިކް” ބައެއްގެ ގޮތުގައެވެ.