ޚަބަރު
ރާއްޖޭގައި ހުންނަ ޗައިނާއާއި އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

އިންޒާރު ދޭތީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާ އެމްބަސީ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން، އެ ދެ ތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ބައެއް ޑިޕްލޮމެޓުންނަށް މީސް މީޑިއާއާއި ބައެއް މީޑިއާތަކުގައި ފާޑުކިޔާފައިވާތީ އެ މައްސަލަ ބަލައިދޭން އިންޑިއާ ހައި ކޮމިޝަނުން ކުރިން ވަނީ ފޮރިން މިނިސްޓްރީގައި އެދިފައެވެ. އަދި އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި އެދިފައެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިރޭ ނެެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން (ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއަން ހައިކޮމިޝަން ގޮއްވައިލާނެކަމުގެ އިންޒާރު މީސް މީޑިއާގައި ދީފައިވާތީ) އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިންޑިއާއާއި ޗައިނާއިން އެދިފައިވާ ކަމަށެވެ.

އެހެންކަމުން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ރައްކާތެރިކަން ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

Comment