ފެންޑާ
ނުކެރުމާއި، ބިރާއި ކުރިމަތިލައި ކާމިޔާބު ހޯދުން

އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، ބިރުވެރިކަމުގެ ސަބަބުން، ތަފާތު ކަންކަމާއި ކުރިމަތިލާން ނުކެރުމާއި، ބިރުގަތުމަކީ ގިނަ ބަޔަކަށް ތަހައްމަލު ކުރާ ދަތި އުދަނގޫ ކަމެކެވެ. މިފަދަ ކަންކަމާއި ކުރިމަތިލައި ކުރިޔަށް ދިޔުމަކީ ގިނަ ބަޔަކަށް ދަތި އުދަނގޫ ކަމެކެވެ.ބިރަކީ ތަހައްމަލްކުރަން ޖެހިފައިވާ މީހަކަށް، އޭގެ ސަބަބުން އެމީހެއްގެ މުޅިދުނިޔެ ދުވަހެއް ދުވަހަކަށް ކުޑަކުރުވާ، ނަފްސާނީ އަނިޔާއެކެވެ. ބިރަށް އޮތް ހަމައެކަނި ފަރުވާއަކީ ބިރާއި ކުރިމަތިލައި، ކާމިޔާބު ހޯދުމެވެ.

 

ނަފްސާނީ ބަލިތަކަށް ޚާއްސަ ތެރަޕިސްޓެއް ކަމުގައިވާ ޓޭމެލިންޑާ ލަކްސް، ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ބައެއް ކްލައިންޓުންނަކީ، އާންމު ތަންތާގައި ވާހަކަ ދައްކަން ޖެހިލުންވާ މީހުންނެވެ. ބައެއް މީހުންނަކީ ގިނަ މީހުން ކުރިމަތީގައި އެއްޗެއް ހުށަހަޅަން ޖެހިލުންވާ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ވަޒީފާގެ ގޮތުން އެފަދަ ކަންކަން ކުރަންޖެހޭ މީހުންނެވެ. ފައިދިގު މަކުނު ދެކެ ބިރުގަތުބް، މަތިންދާ ބޯޓަށް އެރުމަށް ބިރުގަތުން އަދި އަމިއްލަޔަށް ކާރު ދުއްވަން ޖެހިލުންވުން ފަދަ ކަންކަމަކީ، ޓޭމެލިންޑާގެ ކްލައިންޓުންނަށް އެންމެ ގިނައިން ކުރިމަތިވެފައިވާ ތަފާތު ބާވަތުގެ ބިރެވެ.

ކޮންމެ މީހަކަށްވެސް ބިރެއް ކުރިމަތިވަނީ ތަފާތު ކަންކަމަށް ބިނާކޮށެވެ. ފަހަރެއްގައި ބިރަކީ ކައިރި މާޒީއެއްގައި ނުވަތަ ފާއިތުވީ މާޒީގައި ހިގާފައިވާ ކަމަކަށް ބިނާކޮށްވެސް ބިރެއް އިޙްސާސް ކުރެވިދާނެއެވެ. ޓޭމެލިންޑާ ލަކްސް، ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ކްލައިންޓުން ދެމުން އަންނަ ހައިޕްނޯސިސް އަދި ކައުންސެލިންގ ފަރުވާއިން، ބިރުގަންނަ ކަމާއި އަމިއްލަޔަށް ކުރިމަތި ނުލައި ފަރުވާ ހޯދެއެވެ. އޭނާ އިތުރަށް ބުނެފައިވާގޮތުން “ހައިޕްނޯސިސް” ފަރުވާއަކީ ކްލައިންޓް، ސަބްކޮންޝިއަސް ހާލަތަށް ގެނެސްގެން ނުވަތަ ދެބަދޭތެރޭގައި ބާއްވައިގެން، ކުރިމަތިވެފައިވާ ބިރުވެރިކަމަކުން އަރައިގަތުމަށް ދެވޭ ފަރުވާއެކެވެ. މިފަދަ ފަރުވާއެއް ދެވިގެންދާއިރު، ކްލައިންޓް އަބަދުވެސް އޮންނާނީ ފުލް ކޮންޓްރޯލްގައި ކަމާއި، ބުނަން ކޮންމެހެން ނުޖެހޭ ސިއްރެއް ނުވަތަ ދައްކަން ނުޖެހޭ ވާހަކައެއް ދެއްކިދާނެ ކަމުގެ އެއްވެސް ބިރެއް ނޯންނާނެއެވެ.

ވެސްޓާން ޔުނިވާސިޓީގެ ސައިކޮލީގެ ޕްރޮފެސަރެއްކަމުގައިވާ، ޑރ. ޖޭ ބްރޫސް މޯޓޮން ބުނުއްވާގޮތުން، ބިރުގެ ސަބަބުން، މުޢާމަލާތް ކުރުމުގެ ތަފާތު ހާލަތްތަކެއް އުފައްދައި، ތަފާތު ތަކެތި ލޮލުގެ ކުރިމައްޗަށް ދައްކުވައެވެ. ބިރުގެ އަސަރު ސިކުނޑިއަށް ކުރާމިންވަރު އެކި މީހުންނަށް ތަފަތާވެ. ބިރުގެ މިންވަރު ބިނާވެގެންދަނީ އެމީހެއްގެ ސިކުނޑީގައި ކުރިން ޖަމާވެފައި ހުންނަ މައުލޫމާތާއި، ސިކުނޑިން ކަންކަން ދެނެގަނެ އޮޅުފިލުވުމުގެ މިންވަރަށް ބަލައި އެކި މީހުންގެ ސިކުނޑިއަށް ބިރުގެ އަސަރު ކުރާ މިންވަރު ތަފާތުވެގެން ދެއެވެ. ކޮންމެ ފަދަ ކަމަކާއި ގުޅިގެން ބިރެއް ކުރިމަތިވީ ކަމުގައި ވީނަމަވެސް، ބިރުގެ ސަބަބުން އަހަރަމެންގެ ދިރިއުޅުމަށް އަސަރު ފޯރުވައި، ދިރިއުޅުމަށް ބަދަލުތަކެއް ގެނުވައެވެ. ޕްރޮފެސަރ ހާމަކޮށްފައިވާގޮތުން، ތަފާތު ކަންކަމާއި ބިރުގަންނަ ހާލަތްތަކުގައި އަމިއްލަޔަށް ހަމަޔަކަށް އެޅުވުމަށް، ހަމަޖެހިގެން ލަސްލަހުން ނޭވާލުން، އަމިއްލަ ނަފުސާއި ވާހަކަ ދައްކާލުން ފަދަ ކުދި ކުދި ކަންތައްތަކުން، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެއެވެ.

މިސާލަކަށް، ލިފްޓަށް އެރުމަށް ބިރުގަންނަ މީހަކު، އޭނަ ލިފްޓަށް އެރުމުން މަރުވެދާނެކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟  މިފަދަ ބިރު ކަނޑުވާލުމަށް އަމިއްލަޔަށް އެބިރަށް ހުށަހެޅިގެން ބިރު އިހުސާސުކޮށް، އޭގައި ނުރައްކަލެއް ނުހިމެނޭކަން ޔަޤީންކަން ލިބިއްޖެނަމަ، އަމިއްލަ ނަފުސަށް އެއިތުބާރު ލިބިއްޖެނަމަ، އެ ބިރުވެރިކަމުން ސަލާމަތް ވީއެވެ. ނަމަވެސް ކަނޑައެޅިގެން ބިރުކަނޑުވާލުމުގެ ނަމުގައި އަމިއްލަޔަށް ނުރައްކަލަކަށް ހުށަހެޅިގޮތުމަކީ ހައްލެއް ނުވެފައި ބުއްދިވެރި ކަމެއްވެސް ނޫނެވެ.

މޯޓޯން ބުނުއްވާފައިވާގޮތުން، ބިރަކީ އަހަރަމެންނަށް މުހިންމު އެއްޗެކެވެ. އެއްވެސް ކަހަލަ ބިރެއް އެއްވެސްކަމަކަށް ނެތިއްޖެނަމަ، އަހަރަމެންގެ އަމިއްލަ ނަފްސް  ނުރައްކަލަށް ހުށަހެޅިގެންދާއިރުވެސް، ނޭނގި ފުރާނަޔަށް ނުރައްކާ ވެދާނެ ފަދަ ހާލަތެއް އައުމަކީ ދުރުކަމެއް ނޫނެވެ. ބިރު އަހަރަމެންގެ ނަފުސުގެ ކޮންޓްރޯލް ނެގުމަށް ފުރުސަތު ނުދީ، ބިރު އަމިއްލަޔަށް ކޮންޓްރޯލް ކުރުމަށް ދަސްކުރުމަކީ، ނުކެރުމާއި، ބިރުގަތުމާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް އޮތް ހަމައެކަނި ގޮތެވެ.