ގދ ތިނަދޫގައި ހުންނަ “ތިނަދޫ ސްކޫލް”ގެ ޓީޗަރުންނާއި މުވައްޒަފުން އެމީހުން ކޮވިޑް-19 އަށް ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަން ތަފާތު ގޮތަކަށް ދައްކާލައިފިއެވެ.
މިއަދު ފެށިގެންދިޔަ ދިރާސީ އާއަހަރުގެ ފުރަތަމަ ދުވަހު އެސްކޫލްގެ ހުރިހާ މުވައްޒަފުން ސްކޫލަށް ހާޒިރުވެފައިވަނީ ވެކްސިން ކާޑު ހިފައިގެންނެވެ. އާއަހަރު ފެށުމުގެ ގޮތުން ސްކޫލަށް މިއަދު މުވައްޒަފުން ހާޒިރުވުމުން އެސްކޫލުގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް މުވައްޒަފުންނަށް ކިޔާފައިވެއެވެ.

ފޮޓޯ: ތިނަދޫ ސްކޫލް
ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސްކޫލްގެ “ޕްރިންސިޕަލް” މުހައްމަދު އަޖީބް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ކޮވިޑް-19 އިން ދިފާއު ވުމަށް ޤައުމީ ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަކަށް ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނައިން ބެލެނިވެރިންނާއި ޓީޗަރުން ވެކްސިން ފުރިހަމަކޮށްފައިވާ ސްކޫލަކަށް ތިނަދޫ ސްކޫލް ހެދުން ކަމަށެވެ.

ފޮޓޯ: ތިނަދޫ ސްކޫލް
މިއަދު އެސްކޫލްގެ މުވައްޒަފުން ދިރާސީ އާއަހަރުގެ ފުރަތަމަ ދުވަހު ސްކޫލަށް ހާޒިރުވެފައިވާއިރު، މުވައްޒަފުންނަށް ދިރާސީ އާ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ސްކޫލްގެ ގޯތި ތެރެއާއި ސްކޫލްގެ މައި ދޮރާށި ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައިވެއެވެ.

ފޮޓޯ: ތިނަދޫ ސްކޫލް
ސްކޫލްގެ ފަރާތުން ވަރަށް ޚާއްސަ ހެނދުނުގެ ނާސްތާއެއްވަނީ ހުރިހާ މުވައްޒަފުންނަށް ތައްޔާރުކޮށްފައެވެ. އޭގެ އިތުރުން ވަރަށް ބޮޑުކޮށް ތައްޔާރުކުރެވިފައިވާ މެމޮރީ ފޮތެއްގައި ހުރިހާ މުވައްޒަފުން، އެމުވައްޒަފުންގެ ޝުޢޫރު ހާމަކޮށް ލިޔެފައިވެއެވެ. އަދި ކޮންމެ މުވައްޒަފަކަށް ޚާއްސަ ކޮށްގެން ހަދިޔާ ޕެކެއް ސްކޫލްގެ ފަރާތުން ދެވިފައިވެއެވެ.

ފޮޓޯ: ތިނަދޫ ސްކޫލް
ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ޚާއްސަ ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. އެ ކެމްޕޭންގެ ދަށުން އެ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން އަޒުމް ކަނޑަޅާފައިވާއިރު، އެ ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހުން ފެށިގެން ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުތުން މަނާ ވާނެ ކަމަށް ސްކޫލަތަކަށް އަންގާފައެވެ.