ޚަބަރު
ގައްދޫގައި ކުނާވިޔަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ގދ ގައްދޫގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެއް ކަމުގައިވާ ކުނާ ވިޔުން ޒުވާން ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުނާ ވިޔުމުގެ ކޯސްތަކެް ފަށަން ގައްދޫ އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީއިން ނިންމައިފިއެވެ.

ގދ ގައްދޫ ޑަބްލިއުޑީސީގެ ރައީސާ އައިޝަތު ޒަހުވާ “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގދ ގައްދޫއަކީ ޒަމާނުއްސުރެ ކުނާ ވިޔުމުގައި މަޝްހޫރުވެފައިވާ ރަށެއްކަމަށާއި، އަދި ކުނާ ވިޔުމަށް ބޭނުންވާ ހުރިހާއެއްޗެއް ވެސް އެރަށުން ލިބޭ ކަމަށާއި، ނެތެމުންދާ މިސަގާފަތް ދިރުވައި އާލާ ކުރުމުގެ ގޮތުން ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މިކޯހުގައި ކިޔަވައިދޭނީ އެރަށުގައި ކުނާވިޔުމުގެ ތަޖުރިބާ ހުރި މީހުން ކަމަށެވެ.

ޒަހުވާ ވިދާޅުވީ، 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގެ ސަބަބުން ޒުވާން ރަށުގެ ޒުވާނުންނަށް މި ސަގާފަތް ދިރުވައި އާލާކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން އާމްދަނީ ހޯދުމަށްވެސް އިތުރު ފުރުސަތުތަކެއް ލިބިގެން ދާނެކަމަށެވެ.

އަދި މިކޯސް ނިންމުމަށްފަހު ކުނާ ވިޔުމުގެ އެޑްވާންސް ކޯހެއް އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޒާމް ކުރާނެ ކަމަށާއި، އެކޯސް ހުޅުވާލާނީ މުޅި އަތޮޅަށް ކަމަށާއި، ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދިވެހި ކުނަލަކީ ވަކިފާޑެއްގެ ވިނަ އަކުން ނުވަތަ ފަތަކުން ފޭރާންކުރާ ވައްތަރުގެ ހަރުގައި ލިޔެގެން އުފައްދާ އެއްޗެކެވެ. މިމަސައްކަތަށް ކިޔަނީ ކުނާވިއުމެވެ. މިކަމަށް ދިވެހިން ބޭނުންކުރާ ވިނަ ގަހަށް ކިޔަނީ ހައިގަހެވެ. ނުވަތަ ކުނަލުހައެވެ. ދެވަނަ ފެންވަރުގެ ކުނަލަކީ ކަށިކެއުފަތުގައި ނުވަތަ ބޯ ކެއުފަތުގައި ވިޔާ ކުނަލެވެ. މިފަތުން ދެވައްތަރުގެ ކުނާ ވިއެއުޅެއެވެ. އެއްވައްތަރަކީ ސާންތިއެވެ. ސާންޗަކީ އޮޅުދޫ ކަރައިގެ ނުވަތަ އިންޑިއާގެ މީހުން ސަޓާވިޔާގޮތަށް އަތުން ލިޔާއެއްޗެކެވެ.

ގދ ގައްދޫ އަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކުނާވިޔުމަށް އެންމެ ފުންނާބުއުސް ފަރާތްތައް ދިރިއުޅެމުންދާ ރަށެވެ. ގައްދޫގައި މިހާރުވެސް ކުނާ ވިޔުމުގެ މަސައްކަތަކީ އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ.