ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތައްގީ ކޮށްފައި ވާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތައް، 3 ވަނަ ޑޯޒްއެއް ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު ޑަބްލިޔުއެޗްއޯ އިން ވަނީ މި ކަން މަޑު ޖައްސާލުމަށް އެދިފައެވެ.
ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ބޫސްޓާ ޑޯޒް ކެމްޕޭން މަޑުޖައްސާލައިފިނަމަ، ދުނިޔޭގެ ކޮންމެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށެވެ. އެހެން ކަމުން ޑަބްލިއުއެޗްއޯއިންވަނީ ކޮވިޑްގެ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހަން ފެށުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދިފައެވެ.
މީގެ އިތުރުން ޑރ ޓޭޑްރޯޒް ވަނީ، ފަގީރު ގައުމުތަކުން މި ކެމްޕޭންގައި އިންތިހާ ފަހަތުގައި އޮތް ކަމުގެ އިންޒާރު ދެއްވާފައެވެ.
ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި އެކަށީގެންވާ މިންވަރަށް ވެކްސިން ސަޕްލައި ނެތުމުގެ ސަބަބުން، އެ ގައުމު ތަކުގެ އާބާދީގެ ވަރަށް މަދު ބަޔަކަށް ވެކްސިން ލިބިފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދަށްކައެވެ.
މީގެ ކުރިންވެސް ޑރ. ޓެޑްރޯޒް ވަނީ ވެކްސިން ފޯރުކޮށްދިނުމުގައި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދީ އެހީތެރި ވެވަޑައިގަތުމަށް ގޮވާލާފައެވެ.
ހައިޓީއާއި ޑިމޮކްރަޓިކް ރިބަޕްލިކް އޮފް ކޮންގޯ ފަދަ ގައުމުތަކުގެ އާބާދީގެ 1 އިންސައްތަ މީހުންވެސް 2 ޑޯޒް ޖަހާފައި ނުވާ ކަންޑރ ޓެޑްރޯޒް ފާހަގަ ކުރެއްވިއެވެ.