ރައްޔިތުންގެ މަޖްލިސްގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓެވުމަށްފަހު، ދޫކޮށްލެއްވުމާއި އެކު ރާއްޖެއިން ބޭރަށް މިއަދު ފުރާވަޑާގެންފިއެވެ.
ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވަމުން އަންނަ ޖާބިރު، މިޑިޔާތަކަށް މަޢުލޫމާތު ދެއްވާފައިވާގޮތުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސްރީ ލަންކާއަށެވެ. އެ ގައުމުގައި ދެ ދުވަހު މަޑުކުރެއްވުމަށް ފަހު ވަޑައިގަންނަވާނީ އެމެރިކާގެ ނިއުޔޯކަށެވެ. އޭގެ ފަހުގައި ތުރުކީ ވިލާތާއި މޮރޮކޯ އަށް ވަޑައިގަތުމުގެ ވިސްނުންފުޅު ވެސް ޖާބިރު ގެންގުޅުއްވައެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ, މުވައްޒަފަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައެއްގައެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި، އެމީހާ އަށް ދޭން ޖެހޭ ފައިސާގެ ކަންކަން ނިމިފައިވާ ކަމަށެވެ.
ޖާބިރު ހާމަކޮށްފައިވާ ގޮތުގައި މިދަތުރު ފުޅުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ނުކުރެވެއެވެ. “އެމްއެމްޕީއާރުސީން ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ދިޔައީމަ ބޭރު ގައުމުތަކުގެ މީހުން ބަލައިނުގަނޭ، އެއީ އެ ކުންފުނިން ބޮޑު ވައްކަމެއް ކޮށްފައި އޮތީމަ، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ހެދި އެކަމެއް އެމީހުންނަށް ނުކުރެވޭ،” ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލިސް އިދާރާގެ ކުރިމަތީގައި ގިނިކަންޏާ އިހްތިޖާޖު ކުރުމުގެ އިތުރުން އިއްޔެގެ ވަގުތެއްގައި ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކިނބިގަސްދުށުގެ ކައިރީގައި ނުރުހުން ފާޅުކުރައްވައިފައެވެ.
ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ޖާބިރު ނުރުހުން ފާޅުކޮށްފައިވަނީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މައުމޫނަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވާފައި ވާނެ ކަމަށް ވިދާޅުވެ އެ ފައިސާ އަނބުރާނުދީ އެމަނިކުފާނު ހިފަހައްޓައިގެން އުޅޭކަމުގައި ތުހުމަތު ކުރަމުންނެވެ.