ޒިނޭކުރުމަކީ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެކެވެ. ޒިނޭގެ ހައްދަކީވެސް ވަރަށް ބޮޑު ހައްދެކެވެ. އެހެންނަމަވެސް ހައްދު ޤާއިމްކުރުމަކީ ތައުބާވުމުގައި އޮންނަ ޝަރުތެއްނޫނެވެ. ތައުބާވުމުން ﷲ ސުބްހާނަހޫ ވަތަޢާލާ ތައުބާ ޤަބޫލުކުރައްވައެވެ.
މުއުމިނެއްގެ ގޮތުގައި ހުރެ މީހަކަށް ޒިނޭފަދަ ފާފައެއް ނުކުރެވޭނެއެވެ. އެއީ އެމީހާގެ ހިތުތެރެއިން އެފާފަ ކުރަމުންދާ ހިނދު އީމާންކަން ނެރެލާނެއެވެ.
އަޅުގަނޑުމެންގެ މިކުޑަ މުޖްތަމަޢުގެ ތެރެއިން ފެންނަނީ ޒިނޭފަދަ ފާފަތައް ޢާއްމުވަމުންދާ ބިރުވެރު މަންޒަރެވެ. ރަށްޓެހިވުމުގެ ޘަގާފަތުގެ ތެރެއިންލާފައި މިފާހިޝް ޢަމަލާއި ހަމަޔަށް ވާސިލްވެވޭ އެތައް ބަޔަކު މުޖްތަމަޢުގެ ތެރޭގައި އެބައުޅެއެވެ. މިފާހިޝް ޢަމަލަށް އަރައިގަތުމަށް އެހީތެރިވެދޭ އެތައް ކަމެއް އެބަހުއްޓެވެ.
އޭގެތެރޭގައި ހުޅަނގުގެ މުނިފޫހިފިލުވުމުގެ އުފެއްދުންތަކުން ދައްކައިދޭ ގޮތަށް ދިރިއުޅުން ބައްޓަންކުރުމާއި، އެފަދަގޮތަކަށް ދިރިއުޅުން ބައްޓަން ކުރަމުންދާ އެކުވެރިންގެ ނުފޫޒާއި، ފާހިޝް މަންޒަރުތައް ދައްކާ އިންޓަރނެޓްގެ ވިއުގަތަކަށް އެއްވެސް ހުރަހެއް ނެތި ވަދެވެން ހުރުންފަދަ އެތައް އެތައް ކަމެއް ހިމެނެއެވެ. މިކަންތައްތައް މިގޮތުގައި ކުރިޔަށްދާނަމަ މިއާދަތަކަކީ އަހަރެމެންގެ އާދަކާދައިގެ ތެރެޔަށް ވަންނާނެފަދަ ކަންތައްތަކެކެވެ.
ހުއްދަނޫން މިފަދަ ގުޅުމަކުން އެކުއެކީ އުޅޭ ކުއްޖަކު ފެނުމުން ހެޔޮއެދޭ ކޮންމެ މީހަކުވެސް ދޭ ނަސޭހަތަކީ ކައިވެނިކުރުން އަވަސް ކުރުމުގެ ނަސޭހަތެވެ. އެހެނަސް އެފަދަ ކައިވެންޏެއް ސައްހަ ވާނެތޯވެސް ބަލާލަންޖެހެއެވެ.
ޒިނޭ ކުރާމީހާ އަކީ ޒިނޭކޮށް ޢަމަލުން ތައުބާ ނުވެ ހުންނަ މީހާއެވެ. އަދި އެފަދަ މީހަކާ ކުރެވޭ ކައިވެނި ސައްހައެއް ނުވާނެއެވެ. ނަމަވެސް އެމީހަކުވެސް ތައުބާވެ ﷲގެ މަގަށް ފުރިހަމައަށް ރުޖޫޢަވެއްޖެނަމަ އެހިސާބުން ޒިނޭކުރާމީހެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި އޭނަޔާ ކައިވެނިކުރުން އެހިސާބުން ހުއްދަވާނެއެވެ.
ޒިނޭކުރަމުންދާ ދެމީހަކު ކުރާ ކައިވެނި ސައްހަވުމާމެދު ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ކައިވެނީގެ ފަހުން ތައުބާވިޔަސް ކައިވެނި ސައްހަވާނެ ކަމުގައެވެ. އަދި ހަންބަލީ މަޒްހަބުގެ ޢިލްމުވެރިން ދެކިލައްވަނީ އެފަދަ ކައިވެންޏެއް ސައްހަ ނުވާނެ ކަމުގައެވެ. އަދި މިއީ އެންމެ ރަނގަޅު ބަހެވެ. ކޮންމެ ގޮތެއްވިޔަސް ތައުބާވުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި ތައުބާވުމުން ﷲ އެފާފަ ފުއްސެވާނެކަން ޔަގީންކުރަން ޖެހެއެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން ޒިނޭގެ ފާފައިން ތައުބާވެއްޖެ ފަރާތަކީ ޒިނޭކުރާ މީހެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.
ޒިނޭކުރާ ދެމީހަކު ތައުބާނުވެ ކައިވެނި ކުރުމަށްފަހު ދެން ހަދާނީ ކިހިނެތްތޯ އެއީ ވެސް ވަރަށް މުހިއްމު ސުވާލެކެވެ. މިފަދަ ހާލަތެއްގައިވެސް ޒިނޭގެ ޢަމަލު ސިއްރު ކުރަންވާނެއެވެ. އަދި މީގެ އިތުރަށް ކުރަންވާނެ ކަމަކީ ކައިވެނީގެ ޢަޤުދު ތަކުރާރުކޮށްލުމެވެ. ވަރި ކުރާކަށް ނުޖެހޭނެއެވެ. ކައިވެނީގެ ޢަޤުދުގައި އުނިކަމެއް ހުރެދާނެތީކަމަށް ބުނެ އެކައިވެނި އަލުން ކުރުމުން ރަނގަޅުވާނެއެވެ. އަދި މިކަމުގެ ހަގީގީ ސަބަބު އެއްވެސް ފަރާތަކާއި ހިއްސާކުރާކަށް ނުޖެހޭނެއެވެ.
ޒިނޭއާ ކައިރި ނުވުމަށް ﷲ ސުބްހާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައެވެ. މިކަމަށް މަގުފަހިވާ ފަދަ ހުރިހާ ކަމަކުން ދުރުވާންޖެހެއެވެ. ހުޅަނގުގެ މުނިފޫހިފިލުވުމުގެ އުފެއްދުންތަކުން ދައްކާ ދިރިއުޅުމުގެ އުސޫލުތަކުގެ ބަދަލުގައި ގުރުއާނާއި ސުންނަތުގައި ހިފުން ތިބާއަށް މުސްލިމެއްގެ ހައިސިއްޔަތުން މާ އައުލާކަން ބޮޑެވެ.