ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން ފައިގައި ހަރު ކުރެވޭ ގޮތަށް ހުންނަ “މޮނިކޮން ޓެގް” ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް އެމްޑީޕީގައި އެކުލަވާފައި އޮންނަ “މޭ ހައެއް” ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި މައުލޫމާތު ޚިއްސާ ކުރައްވަމުން “މޭ ހައެއް” ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު އަބްދުﷲ އަފީފް ވިދާޅުވީ މި މައުލޫމާތު ހޯމް މިނިސްޓްރީން ވެސް ޔަގީންކޮށްދޭ ކަމަށެވެ.
“މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓާ ކުރާ ކަމަށާއި ޓެގް ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުނި،” އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ، ޓެރަރިޒަމާއި އެ ކަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިންގެ ކުށްތައް ތަހުގީގު ކުރާނެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ވެސް މަދު ކަން ފުލުހުން ފާހަގަކުރި ކަމަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރާއިރު، މި ކަންކަމަށް ސަމާލުކަން ދީގެން ބަޖެޓް ތައްޔާރު ކުރަން މުއައްސަސާތަކާ ކުރެވޭ ބައްދަލުވުންތަކުގައި އެދެމުންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.