ޗެނަލް13 އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލަ ބްރޯޑްކޮމްއިން ވަނީ ބަލަން ފަށާފައެވެ.
ބްރޯޑްކޮމުން ބުނީ ރޭގެ ވަގުތެއްގައި ޗެނަލް 13ގެ “ހަޖަމް” ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގެ މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޮންނަ އިޖުރާއަތްތަކުގެ ތެރެއިން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް ބްރޯޑްކޮމުން ބުނެއެވެ.
ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ކްލިޕްތަކުގައި، އެ ޕްރޮގްރާމްގައި ވާހަކަ ދައްކަން ހުރި ޕްރެޒެންޓަރު ޕީޖީ ޝަމީމަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ވާހަކަ ދައްކައެވެ.
މި މައްސަލައިގައި ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ސޯޝަލް މީޑިއާގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށް ފާހަގަކުރެވުމާ އެކު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އާދިއްތަ ދުވަހު މި މައްސަލަ ބަލަން ކޮމިޝަނުގައި ތާވަލުކުރެވިފައިވާ ކަމަށް ވެސް ރައީސާއަށް ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މީގެ ކުރިން ވެސް ބްރޯޑްކޮމުން ވަނީ ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގެ މައްސަލަތަކެއް ބަލާފަ އެވެ. ނަމަވެސް ޕްރޮގްރާމުގެ ބަސް މަގު ރަނގަޅު ކުރަން އެންގުމުގެ އިތުރަށް އެހެން ފިޔަވަޅުތަކެއް ބްރޯޑްކޮމުން އަޅާފައެއް ނުވެ އެވެ.