“އޭ ބްރޯ! ކޮބައި ތޯ؟” އަކީ ހުވަދު އަތޮޅުގެ މީހުން “އޭ ބްރޯ، ކޮބާ ކަލޭ؟” އަށް ކިޔައި އުޅޭ ގޮތެވެ. މި މާނާގައި “ރައްޓެއްސާ، ކޮބައި ތޯ” ވެސް އާންމު ކޮށް ކިޔައި އުޅެއެވެ. އާންމު އުސޫލުން މި ޖުމްލައިގެ މާނަ އަކީ އަނެކާ ކޮބައިތޯ އެހުމަށް ކުރެވޭ ސުވާލެކެވެ. ނަމަވެސް ލިޔުމެއްގައި މި ޖުމްލަ ބޭނުންކުރުމުން މަޖާޒީ ކަމެއް އޮވެދާނެއެވެ.
ހުވަދު އަތޮޅު ޒުވާނުންގެ އަނގަމަތީ ބަހަކަށް ވެފައިވާ “ބްރޯ، ކޮބައިތޯ” ގެ ފަހަތުގައި ވަރަށް ހެއްވާ މަޖާ ވާހަކަތަކެއް ހުރެއެވެ. އެގޮތުން މި ފަހަކަށް އައިސް ހިނގާ އާންމު ކަމެއްގެ ވާހަކަ މި ލިޔުމުގައި ހިމަނާލާނަމެވެ.
މަސައްކަތަކު ގދ. އަތޮޅުގެ ރަށަކަށް ކުރި ދަތުރެއްގައި އެރަށުގައި ހުރި ކޮފީ ބޯ ތަނެކަށް ވަދެލީމެވެ. އެރަށުގެ މަސައްކަތުގައި އުޅޭ މީހާއާއި އެކު މަޝްވަރާތަކެއް ކޮށްލުމުގެ ބޭނުމުގައެވެ. ދެމީހުން ކޮފީ އަކަށް އޯޑަރު ކޮށްލައިގެން ވާހަކާގައި ތިއްބާ ކެފޭ ތެރެއަށް ދަންނަ މީހެއް ވަދެގެން އައެވެ. ހަނދާނުގައި އޭނާ އަށް ކިޔާ ނަމެއް ނޭނގުނަސް އޭނާ އަކީ ދުރު ނޫން ހިސާބެއްގައި ދިމާވެފަ ހުރި މީހެއް ކަމުން ނޭނގުމެއްގެ ތެރޭގައި ނިތްކުރި އަރުވާލާ ބޯޖަހާލީމެވެ. ޔަގީންވާ ކަމަކީ އެމީހަކަށްވެސް އަހަރެންގެ ނަން ނޭނގޭނެ ކަމެވެ. އިނގޭނެހާ ވެސް އެއްޗަކީ އަހަރެންނަކީ އެމީހަކާއި ކުރިން ދިމާވެފަ ހުރި އެރަށަށް އަރާހުރި ބީރައްޓެއްސަކަމެވެ.
އެމީހަކަށް އަހަންނަށް ޖެހުނު ބޮލާ އެކީ، “ޢޭ ބްރޯ، ކޮބައި ތޯ؟” އޭ ކިޔާފައި އައި ގޮތަށް އައިސް ކޮފީބޯން ތިބި މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީންދެއްޖެއެވެ. އެރަށަށް އަރާހުރި ބީރައްޓެއްސެއްކަމުން އަހަރެންގެ ހާލު އަހާލުމަށް ފަހު ދާނެ ކަމަށް އުއްމީދުކޮށްގެން ހުރި އަހަންނަށް އަޑު އިވުނީ ކޮފީ އަކަށް އޭނަ އޯޑަރު ކޮށްލި އަޑެވެ. އަދި ކުރިމަތީގައި އޮތް އަހަރެންގެ ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނެގުމަށް ފަހު ރޯކޮށްލައިފިއެވެ.
އެއީ ސީދާ ކާކު ކަމެއް، ކީއްކުރާ މީހެއް ކަމެއް އަހަންނަށް ނޭނގޭތީ، އެމީހާ ކައިރިން އަހަރެން ކުރާނެ ސުވާލެއްވެސް ނެތެވެ. އޭނާ އެތަނުން ނުދާނޭހެން ހީވުމުން އަހަރެންނާއި އެކު އެތަނަށް ދިޔަ މީހާއާއި ދެމީހުން މަޝްވަރާގެ ވާހަކަތައް ދައްކަން ފަށައިފީމެވެ. ދެން ކަންތައްވީ ހީވެސް ނުކުރާ ގޮތަކަށެވެ. މިބުނި މީހާއަށް ނޭނގޭ ކަމެއްވެސް ނެތެެވެ. އަހަރުމެން ދެމީހުން ދައްކަމުން އައި ވާހަކަ ތެރެއަށް ރަނގަޅަށް ފީނާލާ ވާހަކައިގެ ހުންގާނާ ހަވާލުވެއްޖެއެވެ. މި މީހަކު ކައިރީގައި އިނދެގެން ކުރަން އައި ކަމެއް ނުވާނޭ ކަމަށް ބަލައި، ވާހަކަ ހުއްޓާލުމަށް ފަހު އަހަރުމެން ދެމީހުންވެސް ފޯނާއި ކުޅެމުން ދަނިކޮށް ދެވަނަ ސިނގިރޭޓް ނަގާ ރޯކޮށްލިއެވެ. އަދި ދުފާ އެއްޗިސް ގެނައުމުން، ރަނގަޅަށް ދުފާލައިގެން “ބްރޯ، ފެގެކެ ނުގޫހީ” އޭ ބުނެލިއެވެ. އެއިރު އޭނާގެ ތުނބުގައި އެއް ސިނގިރޭޓް އިން އިރު އަނެއް ސިނގިރޭޓް އަތަށް ނަގާލީއެވެ.
ފޮށިން ނެގި ސިނގިރޭޓް ލައިގެން ހުރި ގަމީހުގެ މަތީ ޖީބަށްލަމުން “ބްރޯ، ގުޅާ” ކިޔާފައި މި މީހަކު ކެފޭއިން ނިކުމެގެން ހިނގައްޖެއެވެ. އެއީ ހަމަ ރަނގަޅަށްވެސް ބްރޯއެކެވެ. އެއް އިރެއްގައި އެއް މަގަކުން ފެނުނު ކަމަށްޓަކައި ވަރަށް ގާތް ބްރޯ އަކަށްވިއެވެ. އެމީހެއްގެ ނަމެއް ނޭނގޭ ތަނުގައި ގުޅޭން ފޯނު ނަންބަރެއް ވެސް ނޭނގެއެވެ. އެވަރުންވެސް ގުޅާށޭ ބުނުމަށް ފަހު ނިކުމެގެން ދިޔައިރު ދައުވަތު ނުދޭ ކޮފީ އަކަށް އެރުނު ކަންވެސް އެމީހަކަށް ނޭނގެއެވެ.
ކޮންމެއަކަށް މިކަމަކީ މިއަދު ވަރަށްވެސް އާންމު ކަމަކަށް ވަނީ ވެފައެވެ. ފެންނަހާ އެންމެން ބްރޯ އަކަށް ވާ މި ޒަމާނުގައި އެއްވެސް އަދަބެއް ނެތި ކުރެވޭ މިފަދަ ކަންކަމުން ތިމާގެ އަގު ވެއްޓިގެން ދެއެވެ. ފައިސާ ނެތި އެހެން މީހުންގެ އަތުން ކޮފީ އާއި ސިނގިރޭޓް ބުއިމަކީ ވަރަށް ވެސް ގިނައިން ފެންނަ މަންޒަރެކެވެ. މިކަމުގައި ދެރަވާންޖެހޭ ސަބަބަކީ ފައިސާ ނެތި އެހެން މީހުންގެ އަތުން ކޮފީ އާއި ސިނގިރޭޓް ބުއިމެއް ނޫނެވެ. އެހެން ބަޔަކު ކޮފީ މޭޒެއްގައި ތިބޭ އިރު، އަހާނުލާ، ހުއްދައެއް ނެތި އެމީހުންގެ މޭޒު ދޮށުގައި އިށީނުމެވެ. މިއީ ހަމައެކަނި ޒުވާނުންގެ ކިބައިން ފެންނަ ކަމެއްނޫނެއެވެ. މަތީ ފަޑީގައި އުޅޭ ބޭފުޅުންވެސް ކުރަމުން އަންނަ ކަމެކެވެ.
މިޒަމާނަކީ ކޮފީ މޭޒުން ވަރަށް ގިނަ ކަންތައް ކުރާ ޒަމާނެކެވެ. ވަޒީފާގެ މާހައުލުގައި ކުރަންޖެހޭ ކަންކަމާއި، ވިޔަފާރި ތަކުގެ މަޝްވަރާގެ އިތުރުން ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައްވެސް ހައްލު ކުރާ މާހައުލަކަށް ކޮފީ ބޯ ތަންތަން ވަނީ ވެފައެވެ. ވީމާ، ބަޔަކު މީހުން ކޮފީއެއްގައި ތިބޭ ކޮންމެ ވަގުތަކީ ތީމާ މީހާ ގޮސް އެމީހުންނާއި ބައިވެރިވާން ޖެހޭ ސަބަބެއް ނޫނެވެ. އަދި މީހަކު އެކަނި އިނަސް އަހާލާފައި އެމީހަކާއި އެކު ކޮފީގައި ބައިވެރިވުމުގެ އެއްވެސް އުޒުރެއް އޮތްތޯ ބަލާލުމަކީ މިއަދުގެ ޒުވާނުންގެ ކިބައިން ފެންނަން ޖޭހޭ ރަނގަޅު ސިފައެކެވެ. އެއީ ކޮންމެ މީހަކަސް، އަދި ކިތަންމެ ގާތް މީހަކަސް، ފަހަރުގައި އެމީހަކު ކޮފީގައި އެކަނި އިނީ ކަމަކާއި ވިސްނާލުމަށް ނޫނީ، އެކަނިވެލުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ.
ދެންއޮތީ، “ބްރޯ ގުޅާ” ގެ ވާހަކައެވެ. މިއީ މިއަދުގެ ސަލަން ގަލާން ކުރާ ގޮތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބްރޯ ގުޅާ އޭ ކިޔާ ކޮންމެ މީހަކުވެސް ފެންނައިރަށް ބުނެލާނެއެވެ. ކަނޑައެޅިގެން އެމީހެއްގެ އަތުގައި ތިމާއަށް ގުޅޭނެ ފޯނު ނަންބަރު ނޯންނާނެކަން އެނގުނަސް ގުޅާށޭ ބުނުމަށް ފަހު ދަނީ ކަމަކުން ރެކެން އުޅޭހެން ދައްކުވައިދޭ ގޮތަކަށެވެ. އެމީހެއްގެ ފޯނުކޯލަށް އިންތިޒާރު ނުކުރާ ތަނުގައި އެހެން ދުވަހަކުން ދިމާވުމުންވެސް “ކޮބައި ބްރޯ؟ ގުޅަހެން” ކިޔާ އަނެއްކާވެސް ހިނގައިދާނެއެވެ.
މިހެން ގުޅާ މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ. ފަހަރުގައި އެއީ ގާތްކަން ބާއްވަން ފަސޭހަ ގޮތެއްކަމުގައިވުން ވެސް އެކަށީގެންވެއެވެ. މިކަމަކީ މާބޮޑު މައްސަލައެއް ނެތް ކަމަކަސް، “އޭ ބްރޯ، ކޮބައި ތޯ؟” މިއީ ބޮޑު އުނދަގުލެކެވެ. މިގޮތަށް ހުއްދަ ނުހޯދާ ބަޔަކު ތިބޭ ކޮފީ މޭޒު ދޮށުގައި އިންދެގެން ކޮފީއާއި ސިނގިރޭޓް ބޮއެގެން “ބަޗާ” މީހުންނަށް “ބްރޯ ގުޅާ!” ކިޔަން ދަސްކޮށްދޭން ވެއްޖެއެވެ. އެއިރުން ފެންނަ އިރަށް މޭޒު ދޮށަށް އައުމުގެ ބަދަލުގައި ގުޅާށޭ ކިޔާފައި ހިނގައި ގަންނާނެއެވެ.