މި އަހަރުގެ މިހާތަނަށް 626.9 މިލިއަން ރުފިޔާ ރާއްޖެ އިން ނަގާފައިވާ ލޯނުތަކަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 626.9 މިލިއަން ރުފިޔާ ލޯނު ދައްކަން ހަރަދު ކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލޯނު ދައްކަން ވަނީ 628.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުނު ދައްކަން ބަޖެޓުކޮށްފައިވަނީ 1,469.9 ބިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 79.8 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ބޭރުގެ ދަރަނީގެ ނިސްބަތަކީ 38 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 41 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ދަރަންޏެއް އޮތީ ޗައިނާ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޗައިނާ ދަރަނީގެ ބޮޑުބައެއް ވަނީ ރާއްޖެއަށް ފަސްކޮށްދީފަ އެވެ.
މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނީގެ އަދަަދު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ،