ޚަބަރު
ފަސް ރަށެއްގެ އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށްދަނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ނުކުރެވި އޮތް ފަސް ރަށެއްގެ އިންތިޚާބުގެ ވޯޓު ލުން މިއަދު ފަށައިގެން ކުރިޔަށް އެބަދެއެވެ.

މީގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ބައެއް ދާއިރާތަކުގެ މެންބަރު ކަމަށް އިންތިޚާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ރަށްރަށާއި އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ރަށްރަށުގެ އިތުރުން، ވޯޓު އެއްވަރު ވުމުން ބާއްވަން ޖެހޭ ދެވަނަ ބުރާއި، މަގާމު ހުސްވުމުން ބާއްވަން ޖެހޭ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މީޑިޔާއަށް މަޢުލޫމާތު ދެއްވައި ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 3:00 އަށް ކަމަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުން ކަމަށާއި އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރަން ނިންމާފައިވާކަމަށެވެ.

މިއަދު ވޯޓު ލުން ކުރިއަށްދާ ރަށްރަށް

  1. ހދ. ނޮޅިވަރަމް (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  2. ނ. ކެނދިކުޅުދޫ
  3. ނ. މަގޫދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  4. އއ. ފެރިދޫ (އިންތިޚާބު ކުރަނީ 4 މެންބަރެއް)
  5. ކ. ދިއްފުށީ (އިންތިޚާބު ކުރަނީ 1 މެންބަރެއް)

މިއަދު ވޯޓުލުން ކުރިއަށްދާ ދާއިރާތަކުގެ އިތުރުން އަންހެނުންގެ ކޮމެޓީއަށް މެމްބަރުން ހަމަނުވާ އިތުރު ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.