ޚަބަރު
މަރު ކޮމިޝަުނުން އިތުރު އެއްވެސް އިތުރު މައުލޫމާތެއް ނުހޯދޭ: އުމަރު

ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދި މަރުކޮމިޝަނުން ރާއްޖޭގައި ހިނގާފައިވާ މަރުގެ މައްސަލަތަކާއި ބެހޭ އެއްވެސް އިތުރު މައުލޫމާތު ހޯދީފައި ނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ ރޭ ކްލަބް ހައުސްގައި އޮތް ވަގުތު ނޫޙުގެ “ހަވާސް” ޕްރޮގްރާމުގައި ވާހަކަ ދައްކަމުންނެވެ.

ކުރީގެ ސަރުކާރުގައި މި މައްސަލަ ތަހުގީގުކުރީ ވަރަށް ކައިރިން ބަލައިގެން ކަމަށާއި އުމަރު ވެސް ވަރަށް ގާތުން ރިލްވާން އާއި އަފްރާޝީމްގެ މަރު ފަދަ ހައި-ޕްރޮފައިލް މައްސަލަތައް ބަލަމުން ގެންދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށް ނުދާކަމަށާއި، މިސަރުކާރަށް މި މައްސަލަ ތަކުގައި ކުރިއެރުމެއް ހޯދިފައިނުވާކަމަށް އުމަރު ވަނީ ވިދާޅުވިއެވެ. އަދި މި ކޮމިޝަނަށް އެންމެ މޮހޮރެއްވެސް ހޯދިފައިނުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ނުފޫޒުން މިފަދަ މައްސަލަތައް ހުއްޓުވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އުމަރު ވަނީ ދާދި ފަހުން ރައްދުވެސް ދެއްވާފައެވެ.

މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށާއި،އޭރު މައްސަލަ ތަހުގީގުކުރަމުން ދިޔައީ އެއްވެސް ސިޔާސީ އަދި އެހެނިހެން އެއްވެސް ނުފޫޒެއް ނެތި ކަމަށް އުމަރު ވަނީ ރައްދު ދެއްވާ ތަކުރާރު ކޮށް ވިދާޅުވެފައެވެ.