ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅުނުކަމުގައިވިޔަސް ކާބޯ ތަކެއްޗާއި ނުލައި އުޅެވޭކަށް ނެތެވެ. ޒަމާނުއްސުރެ ގޮވާމުގެ ބާވަތްތަކާއި ތަރުކާރި އަދި މޭވާގެ ތަފާތު އެކި ބާވަތްތައް ވަނީ ޒަރޫރީ ބޭނުން ތަކުގެ ތެރެއަށްވަދެފައެވެ. އެންމެ ކުޑައިރުންފެށިގެން ކައްވަޅާއި ހަމައަށް ދާންދެން ކެއުމަށް އެތައް މަސައްކަތެއްކޮށް ކާ އެތިކޮޅު ހޯދައެވެ.
ކޮންމެ ކާއެއްޗަކީވެސް މިހާރު ގަންނަން ނޫނީ ނުލިބޭ އެއްޗެކެވެ. މި ތަކެތި އުފައްދަންވެސް އެތަކެއް މަސައްކަތެއް ކުރެއެވެ. ރަނގަޅަށް ފެން ލިބި ތާޒާ ބިނަތަކުގައި ނޫނީ މިތަކެތި އުފެއްދުން އުނދަގުލެވެ. ބޮޑެތި ބިންތަކުގައި އެތައްމަހެއް ވަންދެން ހައްދާ ކާނާ އެކި ތަންތަނުގައި އެކި އަގުތަކުގައި ވިކެއެވެ. ބައެއް ޤައުމު ތަކުން އެތެރެ ކޮށްގެންވެސް ވިއްކައެވެ. ސަބަބަކީ އެ ޤައުމުތަކުގައި އެތަކެތި އުފައްދާނެ މާހައުލެއް ނެތީމައެވެ.
މިތަކެތި އުފައްދާ ގައުމުތަކުގައި ތާޒާ ބިންތަކާއި ކޯރުތަކުގެ އިތުރުން ވާރޭފެންވެސް ގިނަ އަދަދަކަށް ލިބެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އަކީ ބޮޑުބައި ހަނަފަސް ސަހަރާއެކެވެ. އެ ޤައުމަށް ވާރޭފެން ލިބެނީ އަހަރަކު އެއްފަހަރެވެ. ކޯރެއް އޮތީއެއް ނޫނެވެ. ހިކިފަސް ބިންތަކެވެ. އެކަމަކު ސަރަހައްދުގެ އެންމެ ބޮޑު އަދަދަކަށް ދަނޑުބިން އޮތް ޤައުމެވެ. ކާނާ ބޭރުކުރުންވެސް މަދެއްނޫނެވެ.
ފެނުގެ ދަތިކަން ޖެހިފައިވާ މިޤައުމުން ހައްލު ހޯދީ ބިމުގެ އަޑިންނެވެ. ތެޔޮހޯދާ މިސާލަށެވެ. ބިމުއަޑިން 3000 ފޫޓުން ފެން ނަގައި ދަނޑުވެރިންނަށް ކުޑަ އަގެއްގައި ފެން ވިއްކައިގެނެވެ. މިއަދު ސައުދީ އަރަބިއްޔާގައި ނުއުފައްދާ ބާވަތެއްގެ ކާއެއްޗެއް ނެތެވެ.