ދީން
ހުވަފަތް އަންހެނުންގެ ބޮލުގައި ފިރުމާލުމުން ސަވާބު ލިބޭނެ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

ހުވަފަތް ވެފައިވާ އަންހެނުންނޭ ބުނުމުން އޭގެ ތެރޭގައި ފިރިމަރުވެފައިވާ ނުވަތަ ވަރިވެ އެކަނިވެރި މައިން ވެސް ހިމެނިގެންވެއެވެ.

ޝައްކެއްވެސް ނެތެވެ. މި ދެ ބާވަތުގެ އަންހެނުންނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އޯގާތެރި ކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއް ކަމުގައިވެއެވެ. އިޙްޞާންތެރިވުމާއި އަދި އެންމެހައި ހެޔޮ ފޯރުވުމުގެ ޢަމަލުތަކުގައި ޤާއިމްވުމަކީ ނުހަނު ބޮޑަށް ބާރުއެޅިގެންވާ ކަމެއް ކަމުގައިވެއެވެ.

البخاري އަދި مسلم ގައި ޞަޙާބީ أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައިވެއެވެ. النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. السَّاعِي عَلَى الأَرْمَلَةِ وَالمِسْكِينِ، كَالْمُجَاهِدِ فِي سَبِيلِ اللَّهِ، و أحسبه القَائِمِ اللَّيْلَ الصَّائِمِ النَّهَارَ. މާނައީ، ހުވަފަތް ވެފައިވާ އަންހެނުނާއި އަދި މިސްކީނުންގެ (ކަންތައްތައް ބަލަހައްޓައި، ޙާޖަތްތައް ފުއްދައި ދިނުމުގައިވާ މީހާއަކީ) ﷲގެ މަގުގައި ޖިހާދު ކުރާ މީހާއާ އެއްފަދަ މީހެކެވެ. އަދި ތިމަން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ހީފުޅުވަޑައިގަންނަވާ ގޮތުގައި، (އެފަދަ މީހަކީ) މެދުކެނޑުމެއްނެތި ރޭއަޅުކަމުގައި އަދި މެދުކެނޑުމެއްނެތި ދުވާލުގައި ރޯދައަށް ހުންނަ މީހެކެވެ.

މި ޙަދީޘްއިން ބަޔާންވެގެންވަނީ އެންމެހައި ހެޔޮ ގޮތްތަކުގައި، ފައިސާއިން އެހީވުމާއި، ކެއުމާއި ބުއިމުގައި އެހީވުމާއި، ހުންނާނެ ތަނެއް ހޯދައި ދިނުމާއި އަދި އެ ނޫންވެސް ކަންކަމުގައި އެ ފަރާތްތަކުގެ ޙާޖަތްތައް ފުއްދައި ދިނުމުގައިވާ ފަރާތަށް ލިބޭނެ އަޖުރު ކަމުގައެވެ. އެހެންކަމުން، އެހީތެރިވުމާއި އެހެނިހެން އެންމެހައި ދޮރުތަކުން އެހީފޯރުކޮށްދިނުން ވާރިދު ވެގެންވެއެވެ.

އެހެނަސް، ޚާއްޞަކޮށް ބޮލުގައި ފިރުމުމާއި މެދުގައި ބުނަމެވެ.

ހުވަފަތް ވެފައިވާ އަންހެނާއަކީ އެއީ ބާލިޣްވެ ބޮޑުވެފައިވާ އަންހެނެއް ކަމުގައި ވުމުން ހަށިގަނޑުގައި އަތްލައި ހެދުން ހުއްދަވާނީ ޝަރީޢަތުގައި އަތްލުން ހުއްދަވެގެންވާ ފަރާތްތަކަށެވެ. އެގޮތުން މަޙްރަމުންނަށެވެ. ބޮލުގައި ފިރުމާލުމާއި ސަލާމް ކުރުންފަދަ ކަންތައްތަކެވެ.

ހިލޭ ފިރިހެނުން އެފަދަ އެއްވެސް ޢަމަލެއް ކުރުން އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވެއެވެ. ވީމާ، މަޙްރަމުން ނޫން މީހުން އެފަދަ އަންހެނެއްގެ ބޮލުގައި ފިރުމާލުން ހުއްދަ ވެގެން ނުވެއެވެ. އަދި އަތްލުން ވެސް ހުއްދައެއް ނުވާނެއެވެ.

ވުމާއެކު، ހެޔޮ ދަރުމަ އާއި ޘަވާބު ހޯދުމަށް އެދޭ މީހާ ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގައި ދެމިހުރުން ހުއްޓެވެ. ހިލޭ އަންހެނުންގެ ހަށިގަނޑުގައި ބީހުމާއި އަތްލުމުގެ މައްޗަށް އިންޒާރު ލިބި ސަލާމަތްވުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

މަސްދަރު: އަލްބަޔާން

Comment