ޚަބަރު
1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބު

ހިޖުރީ 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ހިޖްރީ ސަނަތުން 1443 ވަނަ އަހަރާ ބައްދަލުވުމުގެ ހެޔޮ ނަސީބު، މަތިވެރިވަންތަ اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު މަތިވެރި އުފަލެކެވެ. މި އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް ފޮނުވަމެވެ.

މުސްލިމުން ގުނަމުން އަންނަ ހިޖްރީ ތާރީޚަކީ، މުޅި އިންސާނިއްޔަތުގެ ތާރީޚު ބަދަލުކޮށްލައި، ތަރައްޤީއާއި ޙަޟާރަތުގެ އައު ފެށުމަކުން، މުޅި ދުނިޔެއަށް ދިރުން ގެނެސްދިން، ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ ތާރީޚެކެވެ. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހިޖްރައާއެކު މަދީނާއިން އުފަންވެގެން އައީ، އޯގާތެރިކަމާއި ހަމްދަރުދީއާއި ލޯތްބާއި ކުލުނުގެ މަތީގައި ބިނާވެފައިވާ އިސްލާމީ އުންމަތެކެވެ. އެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން ޢިބްރަތް ޙާޞިލުކުރުމުގެ ބޭނުމުގައެވެ.

ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމެވެ. ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެންދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުންނެވެ. އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް، މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމުގެ ސަބަބުންނެވެ. މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުވެސް މިއަދު ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށެވެ. ދެކޮޅުވެރިކަމާއި ޒާތީ ޙަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށެވެ. އިންސާފާއި ޙައްޤަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށެވެ. ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ، އެފަދަ ބަޔަކަށް މުސްލިމުން ވުމަށެވެ.

ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ޙުރްމަތްތެރިކޮށްހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމެވެ. އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ޙިމާޔަތް ދޭންޖެހޭނެ ކަމެވެ. އަނެކުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، އެ ޙައްޤުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމެވެ.

ހިޖްރީ އާ އަހަރަކަށް އުފަލާއެކު އަޅުގަނޑުމެން މަރުޙަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޢަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް، މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މާތް ނަބިއްޔާގެ ވަސްމީރު ޒިކުރާއިން އިސްލާމީ އުންމަތަށް ދިރުން ގެނުވައިދޭ ހާދިސާއެކެވެ. ވީއިރު، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެކެވެ.

މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަދި މުޅި އިސްލާމީ އުންމަތަށް، ހުރިހާ ގޮތަކުންވެސް، ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ލިއްބައިދޭ އަހަރެއް ކަމުގައި މާތް اللهُ ލައްވާށިއެވެ! އެއްބަނޑުއެއްބަފާކަމާއި އިސްލާމީ އަޚްވަންތަ ގުޅުމުގެ މަތީގައި، ދިވެހި އުންމަތް ތާއަބަދަށް ލަހައްޓަވާށިއެވެ! އަޅުގަނޑުމެންގެ ހިތްތަކުގައި އަނެކުންނާމެދު ލޯތްބާއި އޯގާތެރިކަން ލައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމުގެ މާޙައުލެއްގައި، ދިރިއުޅުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! މި އަހަރަކީ، އިޤްތިޞާދީ ގޮތުން ފުދުންތެރި އަދި ފާގަތި އަހަރެއް ކަމުގައި ލައްވާށިއެވެ! އެންމެހައި ދިވެހިންނަށާއި، މުޅި އިސްލާމީ އުންމަތަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރައްވައި، اللهُ سُبْحَانَهُ وَتَعَالَىގެ ޢިނާޔަތާއި ރައްކާތެރިކަމުގައި އަޅަމެން ލަހައްޓަވާށިއެވެ! އާމީން.

 

އެޑިޓަރުގެ ނޯޓް: މިއީ، ހިޖުރީ 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ. މި ލިޔުމަށް އެއްވެސް އުނިއިތުރު ކަމެއް ގެނެވިފައިނުވާނެއެވެ.