ހަރުކަށި ފިކުރާ ދެކޮޅަށް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލްތަކުގައި އެކި ޕްރޮގްރާމްތައް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފެދޭ ނޭއްގާނީ ހިޔާލުތައް އެންމެ ބޮޑަށް ކުޅެނީ ކުޑަކުދިންގެ ފިކުރާ ކަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ ޅަފަތުން ފެށިގެން ކުދިންނަށް ދީނީ ތައުލީމު އުނގަނައިދީގެން ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މި އަހަރުގެ މިނިވަން ދުވަހު ޤައުމާ މުހާތަބުކުރައްވަމުން ރައީސް ސޯލިހް ވެސް ވަނީ ކުޑަކުދިން ހަރުކަށި ފިކުރުން ސަލާމަތް ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވައި، އެންމެ ޅަފަތުން ފެށިގެން ކުޑަ ކުދިންނަށް ދީން އުނގަންނައި ދިނުމަަށް ގޮވާލަށްވާފައެވެ. މީގެ އިތުރުން ތައުލީމީ ނިޒާމްގެ ތެރެއިން ވެސް ހަރުކަށި ފިކުރަށް ހައްލު ހޯދޭތޯ ބަލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ މި ވާހަކަ އާއި އެއްގޮތަށް ސުކޫލްތަކުގައި ހިންގޭ ޕްރޮގްރާމް ތަކުގެ ތެރެއިން ހަރުކަށި ފިކުރާއި މެދު ކުދިން ހޭލުންތެރި ކުރުމަށް މިވަނީ ނިންމާފައެވެ. އަދި މި ފެށޭ ހަފްތާގައި ސުކޫލްތަކުގައި ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގޭ ޕްރޮގްރާމްތަށް ފެށިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.