ޚަބަރު
އައްޑޫ ގޯތިތައް ބަދަލުކުރުން ހުއްޓުވައިފި

އައްޑޫ އިކުއެޓޯރިއަލް ސަރަހައްދުން ދޫކޮށްފައިވާ 35 ގޯއްޗެއް, އެ ގޯތިތަކުގެ ވެރިންގެ އަތުން އަތުލައި ގޯތި ހުސްކުރުން ހުއްޓުވައިފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރެފައިވަނީ ކޯޓަށް ހުށެއެޅިފައިވާ މައްސަލާގައި ގޮތެއް ނިންމެންދެން ގޯތިތައް ހުސްކުރުން މަޑުޖައްސާލުމަށެވެ.

ގޯތިތައް ހުސްކުރުން ކޯޓުން ހުއްޓުވާފައި މިވަނީ އެކަން އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދަނިކޮށެވެ. އަދި، ގޯތިތައް ދޫކޮށްލަން ދެކޮޅު ހަދާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވާތީ އެ ސަރަހައްދުން ދީފައިވާ 3000 އަކަފޫޓުގެ ގޯތި ހަމަ އެވަރުގެ އެހެން ގޯއްޗަކާ ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ކުރިން ހޮސްޕިޓަލް އަޅަން ނިންމި ސަރަހައްދަށް ބިންތައް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި އަދި އެ ގޯތިތަކާއި ހަވާލުވުމަށް ވެސް އެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން މިކަމާއި ހިންހަމަ ނުޖެހޭނަމަ ލިޔުމަކުން އެންގުމަށް ވެސް ވަނީ ކަައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ އެދިފައެވެ.

ނަމަވެސް، އައްޑޫ ކައުންސިލުގެ މި ނިންމުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ގާނުނީ ތަޖުރިބާރުކާރުން ވަނީ އައްޑޫ ކައުނސިލުން ކޮށްފައިވަނީ ގާނޫނީ ކުށެއް ކަމުގައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ގޯތިތައް ދައުލަތަށް ނެގުމަށް އައްޑޫގެ ގިނަ ރައްޔިތުން ތާއީދު ކުރާ ކަމަށާއި އެ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއް ކަމުގައެވެ. ނަމަވެސް ކައުންސިލުން ކޮށްފައިވާ ކަންތަކުގެ ގާނޫނީ ސައްހަކަމާމެދު އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

Comment