ފެންޑާ
އެހެން މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާކިޔުމަކީ ކޮންކަހަލަަ ކަމެއް؟

އިންސާނުންނަކީ މާތްﷲ މިދުނިޔޭގައި ޚަލްޤު ކުރެއްވި އެންމެހާ ދިރުންތަކަށް ވުރެ މާތް ކުރައްވައި އެކަލާގެ ބުއްދި ދެއްވާފައިވާ ބައެކެވެ. ހެވާއި ނުބައި ވަކިކޮށް، އެމީހަކު ބޭނުން ގޮތަކަށް ޢަމަލު ބައްޓަން ކުރުމުގެ އިޚްތިޔާރާއި ބާރު މާތްﷲ ކޮންމެ އިންސާނަކަށް ދެއްވާފައިވެއެވެ. މިދުނިޔޭގެ ދިރިއުޅުމުގައި ނިޢުމަތްތަށް ﷲ ދެއްވާފައި ވަނީ އެކީ މީހުންނަށް އެކި މިންވަރަށެވެ. މިއީ އެކަލާނގެ އިންސާނުންނަށް ކުރިމަތިކޮށްފައިވާ އިމްތިހާނެއް ވެސް މެއެވެ.

މަދުން ނަމަވެސް އަހަރަމެން އިންސާނުން، އަހަރަމެންނަށް ލިބިފައިވާ ނިޢުމަތްތަކާއި މެދު ހިތްހަމަ ނުޖެހި، ތަފާތު ނިޢުމަތްތަށް ލިބިފައިވާ މީހުންނަށް، އެނިޢުމަތް ލިބުނު ގޮތާއި މެދު ސުވާލު އުފައްދައެވެ. އަދި އެފަދަ ނިޢުމަތެއް އަމިއްލަޔަށް ނުލިބުމުން، އޭގެ ޝަކުވާ ކުރެވެއެވެ. އަމިއްލަ ދިރިއުޅުން އެހެންމީހުންގެ ދިރިއުޅުމާއި، އަޅާކިޔުން މިފަހަކަށް އައިސް ދިވެހި މުޖުތަމަޢު އިން ވަރަށް ގިނައިން ފެންނަ ކަމެކެވެ.

“އޭ އިނގޭތަ؟ މިގޭ ޖެހިގެން ހުރި ގޭ ފާތުން ކާރެއް ގަނެފި. އަހަރަމެންވެސް ހިގާބަލަ ކާރެއް ގަންނަން”. “އެގޭ އިބްރާޙިމް، ހުރިހާ މާއްދާއަކުން އޭ ގެނައި، އަހުމަދު ވާނެ ކޮންމެހެންވެސް، މިޓާމްގަ ހުރިހާ މާއްދާއަކުން އޭގެންނަން.”. “އިނގޭތަ ފާތުން ހާދަ ހިއްކަލައިފިއޭ. ޔަޤީން އެވާނީ، ކޮންމެވެސް ބޭހެއް ކައިގެން ހިކުނީ ކަމަށް. އެހެން ނޫންނަމަ، އަހަރަމެން މިވަރަށް ކަސްރަތު ކުރާއިރު ކީއްވެ ނުހިކެންވީ”،

މިފަދަ ވާހަކަތަކަކީ މުޖުތަމަޢު އިން ތާ އަބަދު މިފަހަކަށް އައިސް އިވޭ އަޑުތަކެވެ. މައިންބަފައިންނަށް ބެލިކަމުގައި ވިޔަސް، އަމިއްލަ ދަރީގެ ނަތީއްޖާއަށްވުރެ، ވާދަކުރާ އެހެން ކުދިންގެ ނަތީޖާ ބަލަން ފޯރި ހުރެފައި އިސްކަން ދެއެވެ.

ތިބާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމާއި އަޅާ ނުކިޔާށެވެ. އިރާއި ހަނދުއަހަރަމެންނަށް އަޅާ ނުކިޔޭނެއެވެ. މިދުނިޔެއަށްއަލި ކުރުމަށް ވޮށެއްގެ ގޮތުގައި ﷲ ތަޢާލާ އިރާއި ހަނދު ލައްވާފައި ވެއެވެ. ހަނދުން ފޯރުކޮށްދެނީ އިރުގެ އަލިކަން ކަމުގައި ވިޔަސް، އޭގެ ވަގުތު ޖެހުމުން، އިރާއި ހަނދު އޭގެ ވަޒީފާ ފުރިހަމަޔަށް އަދާކުރެއެވެ. އެތަކެތި ޤުދުރަތުން ލައްވާފައި ވަނީ މިދުނިޔެއަށް އަލިކުރުމުގެ ވަޒީފާ އަދާކުރުމަށެވެ.

އެހެންކަމުން، އެހެން މީހުންގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުން އަޅާ ނުކިޔާށެވެ. ދިރިއުޅުމުގައި ކަންކަން ކުރަންޖެހެނީ، ވަކިމީހަކު ކަމެއް ކުރީތީއެއް ނޫނެވެ. އެހެން މީހުންގެ ދިރިއުޅުމަށް ބަލައި، އެހެން މީހުންގެ ދިރިއުޅުމުގައި ހާޞިލްކުރާ ކަންކަން ތިމާގެ ދިރިއުޅުމަށް ގެންނަން މަސައްކަތް ކުރުން މުހިންމެއް ނޫނެވެ. ކޮންމެ ކަކުންޏެއްވެސް ހަރުކޮންނަނީ އެކަކުންޏެއްގެ ވަރުންނެވެ. ތިމާގެ ބޭނުންތަށް ތިމާގެ ފެންވަރުން ބައްޓަން ކުރާށެވެ. މީހުންގެ ދިރިއުޅުމަށް ބަލައިގެން، މީހަކު ކަމެއް ކުރީތީ އެކަމެއް ކުރުމުގެ އުޞޫލު ދޫކޮށްލަންޖެހެއެވެ.

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަފާތު ކަންކަން ހާޞިލުކުރުމަށް ހިތްމަތާއެކު މަސައްކަތްކުރާ މީހަކަށް ވާށެވެ. ދުނިޔަވީ ޙަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ވުމަށް އަބަދުވެސް ބަލަމާތޯއެވެ.