ޚަބަރު
ފައިޒާ ވެކްސިންގެ 128000 ޑޯޒް އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި

ފައިޒާ ވެކްސިންގެ 128،000 ޑޯޒް އެމެރިކާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ދެކުނު އޭޝިއާ ގައުމުތަކަށް ހާއްސަކުރި ވެކްސިންގެ ތެރެއިން ރާއްޖެއަށް ލިބުނު ވެކްސިނެވެ.

މިނިސްތަރ އޮފް ހެލްތް، އަހުމަދު ނަސީމް ހާމަކޮށްފައިވާ ގޮތުގައި އެމެރިކާ ސަރުކާރުން ހަދިޔާކުރި ފައިޒާ ވެކްސިން ބޭނުންކުރާނީ ރާއްޖޭގެ 12-18 އަހަރާ ދެމެދުގެ އާބާދީއަށް ޖެހުމަށެވެ. މި ވެކްސިނާ ހަވާލުވާން ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިފަދަ ދީލަތި އެހީއެއް ވެދެއްވިކަމަށްޓަކައި، އެމެރިކާ ސަރުކާރަށް ޝުކުރު އަސާދުރާ ކަމަށެވެ.

12-18 އަހަރާ ދެމެދުގެ އުމުރު ފުރާއަށް މީގެ ކުރިން ރާއްޖޭގައި ވެކްސިން ޖަހާފައެއް ނުވެ އެވެ. ދި މިހާތަނަށް ޑަބްލިޔުއެޗްއޯއިން ކުއްލި ބޭނުމަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން، ކުޑަކުދިންނަށް ރައްކާތެރި ހަމައެކަނި ވެކްސިނަކީ ވެސް ފައިޒާ ވެކްސިނެވެ.

މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ތާރީހެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް މީޑިއާއާ އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ލިބުނު ވެކްސިނާއެކު މިހާރު ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީއަށް ބޭނުންވާ ވެކްސިންގެ އިތުރުން، ކުޑަކުދިންގެ އާބާދީގެ ބޮޑު ބަޔަކަށް ޖެހޭނެ އަދަދަށް ވެކްސިން ލިބުނީއެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް ކުޑަކުދިން ހިމެނޭގޮތަށް އާބާދީގެ ބޮޑު އިންސިއްތަޔަކަސް ވެކްސިން ޖެހޭނެ އެވެ.

Comment