އަންނަ އަހަރުގެ ޓީޗަރުންގެ އިނާޔަތްތަކާއި މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރު ފެށުމަށް ރެހެންދި ސުކޫލްގައި ބޭއްވި ހާއްސަ އެސަމްބްލީއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މުދައްރިސުންގެ ބުރަ މަސައްކަތާއި އެ މަސައްކަތަށް ހޭދަ ކުރާ ވަގުތާ އެކަށީގެންވާ މުސާރައަކާއި އިނާޔަތްތައް ލިބިދިނުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، އަދި އެކަން ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާނެ ކަމުގެ ޔަގީން ކަން ރައީސް ގެ ވާހަަކަ ފުޅުގައި ވަނީ ދެއްވާފައެވެ.
މީގެ އިތުރުން މުދައްރިސުން ލިބުން ދަތި ދާއިރާތަކަށް އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައި ދިނުމަށް ދާ މުދައްރިސުންނަށް ލިބެން ޖެހޭ އިތުރު އިނާޔަތްތައް ވެސް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ދަރިވަރުންގެ ކިޔެވުން މުޅިން ހުއްޓާ ނުލައި ކުރިއަށް ގެންދެވުނީ މުދައްރިސުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
އެގޮތުން މިދިޔަ ދޮޅު އަހަރު ދުވަހު ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ޓީޗަރުން ކުރެއްވި މަސައްކަތަށް ރައީސް ވަނީ ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. ޓީޗަރުން މި ބަލިމަޑުކަމުގެ ދުވަސްވަރު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ “ޖިހާދެއް” ގޮތުގައި ރައީސް ސޯލިހު ވަނީ ސިފަ ކުރައްވާފައެވެ.
ޓީޗަރުންނަށް ލިބޭ މުސާރައާއި ކުރާ މަސައްކަތާއި ބަލައި ކުޑަވުމަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. މި ކަމަކީ އެކި ފަހަރު މަތިން ދެކެވި ހައްލެއް ނުލިބި އޮތް މައްސަލައެކެވެ.