ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާ އިން ވަކިކުރާނެ ކަމަށް އަންގައިފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މުވައްޒަފުން ވެކްސިން ނުޖެހުމަކީ ސިވިލްސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވާނެ ކަމަކަށް ވާނެތީ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބައްދަލުވުމެއްގައި އަހުމަދު ވިދާޅުވި ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން މާދަމާ އިން ފެށިގެން ސްކޫލަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަހުމަދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ޚަބަރު ރިޓްވީޓް ކުރައްވައި، އަހުމަދު ވިދާޅުވީ، ވެކްސިން ނުޖަހާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އެފަދަ ނިންމުމެއް ވެސް ނިންމާފައި ނުވާނެ ކަމަށެވެ.
ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާއިން ވަކި ނުކުރި ނަމަވެސް ސަރުކާރުން އަންނަނީ ވެކްސިން ޖެހުމަށް ބާރުއަޅަމުންނެވެ. އަދި ވެކްސިން ނުޖަހާ ބެލެނެވެރިންނަށް ސުކޫލަށް ނުވަދެވޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.