ކުޅިވަރު
ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ކޯޗަކަށް ސުޒެއިން

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހަމަޖައްސައިފިއެވެ.

ސުޒެއިން ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމް އެންމެފަހުން ކުޅުނު ކޮލިފައިން މެޗްތަކުގައި އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ސުޒެއިން އާއެކު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމުގެ ކޯޗިން ސްޓާފުން ގޮތުގައި އެފްއޭއެމުން ވަނީ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް އަދި މުހައްމަދު ޝާހިދު (ޝާޑު) ހަމަޖައްސާފައެވެ. މިއީ 2007 ވަނަ އަހަރަށްފަހު ސުޒެއިން މި މަގާމަށް ހޮވުނު ދެވަނަ ފަހަރެވެ.

ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމް އެންމެ އަވަހަށް ތައްޔާރުވާނީ އޮކްޓޯބަރު 27 އިން 31 ގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ 23 އަހަރުންދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންއަށެވެ. މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ އަފްގާނިސްތާނާއި ބަހްރޭން އަދި އިރާގާ އެކު ގްރޫޕް ސީގައެވެ.

ކޮލިފައިން ކުރިޔަށް ގެންދާނީ ޖުމްލަ 11 ގްރޫޕަކާއެކު ކަމަށްވެފައި ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ ޓީމަކަށް 23 އަހަރުންދަށުގެ އޭއެފްސީ ކަޕަށް ކޮލޮިފައިވާނެއެވެ. މިގޮތުން ކޮލިފައިންގެ ފުރަތަމަ މެޗެއްގެ ގޮތުގައި 27 އޮކްޓޯބަރުވާ ހުކުރު ދުވަހު ރާއްޖެ އާއި އިރާގާ ވާދަކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

Comment