ޚަބަރު
ހިރިމަރަދޫ ސުކޫލްގެ އެއްވެސް ދަރިވަރެއް ސުކޫލަށް ނުދޭ

ދިރާސީ އާ އަަހަރު ފެށުނު އިރުވެސް ހދ. ހިރިމަރަދޫ ސްކޫލުގެ އިންތިޒާމްތަކާއި ހިތް ހަމަނުޖެހި އެއްވެސް ދަރިވަރުކު ސުކޫލަށް ނުފުނަވަން އެ ސުކޫލުގެ ބެލެނެވެރިން ނިންމައިފިއެވެ. އެހެން ކަމުން މިއަދު އެ ސުކޫލަށް އެއްވެސް ދަރިވަރަކު ހާޒިރުވެފައެއް ނުވެއެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު  ވިދާޅުވީ ސްކޫލްގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވުމުން ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ސްކޫލްގެ ގިނަ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާއިރު ސްކޫލް ހިންގުމުގައި ގެންގުޅޭ އުސޫލުތަކަށް އެ ސްކޫލްގައި ދިވެހި ޓީޗަރުުންނާއި ބިދޭސީ ޓީޗަރުންނާއި މެދު ބޮޑު ފަރަގެއް ގެންގުޅޭ ކަމަށްވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ބިދޭސީ ޓީޗަރުން ހަފްތާއަކު ފަސްގަޑިއިރު ކިޔަވާދޭން ޖެހޭއިރު ދިވެހި ޓީޗަރުން ކޮންމެ ދުވަހަކުވެސް ފަސް ގަޑިއިރު ކިޔަވާދޭން ޖެހޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ބިދޭސީ ޓީޗަރުންނަށް ވުރެ ދިވެހި ޓީޗަރުންގެ މުސާރަ ކުޑަކަން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން އެ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި އިންޑިއާއަށް ނިސްބަތްވާ ޕްރިންސިޕަލް ބޭރުކޮށް ދިވެހި ޕްރިންސިޕަލްއެއް އެ ސްކޫލަށް ގެނައުމުން ނޫނީ ދަރިވަރުން ސްކޫލަށް ނުފިނުވާނެ ކަމަށް ބެލެނިވެރިން ބުނެފައިވާ ކަމަށް އެރަށުގެ ކައުންސިލް ރައީސް ވަނީ ބުނެފައެެވެ.

ވަހީދު އިތުރަށް ވިދާޅުވީ، ސްކޫލުގައި މިވަގުތު ތިބި ދުވަސްވީ ޓީޗަރުންނަށް ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނުނެރެވި، ދަރިވަރުންނަށް އެއްވެސް ކުރިއެރުމެއް ނުނެރެވުމަކީވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށެއްގެ ދަރިވަރުންނަށް ބޮޑުފޮތްތަށް ލިބިފައިވާ ކަަމަށް ބުނާ ވާހަކަ ބައެއް ރަށް ތަކުން ވަނީ ދޮގުކޮށްފައެވެ. އަދި ބޮޑު ފޮތްތަށް އަދިވެސް ނުލިބޭ ސުކޫލްތަށް ހުރި ކަމަށް ވެއެވެ.