ހުވަދޫ ބަހުރުވައިން ލިޔެފައިވާ ސިޓީ އެއް ތިނަދޫ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ފޮނުވައިފިއެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ގެ ސޮޔާއި އެކު ފޮނުވި މި ސިޓީގެ ކޮޕީއެއް “ހުވަދޫ ނިއުސް” އަށް ވަނީ ލިބިފައެވެ. މި ސިޓީ އަކީ ތިނަދޫ އަލަށް އާބާދުވިތާ 55 އަހަރު ފުރޭ މުނާސަބާ ކުލަ ގަދަ ކޮށް ފާހަގަ ކުރުމަށް ސަރުކާރުން އެއްބާރުލުން ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެކެވެ.
އެގޮތުން މިސިޓީގައި ލިޔެފައިވަނީ، ތިނަދޫ އާބާދުވިތާ 55 އަހަރު ފުރޭ ދުވަސް ކަމުގައިވާ 22 އޯގަސްޓް 2021 ވަނަ އާދީއްތަ ދުވަހަކީ ތިނަދޫގައި ގާއިމުކޮށްފައި ހުރި ސަރުކާރުގެ ހުރިހާ މުވައްސަސާއެއް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން އެސިޓީގައި ބުނެފައިވަނީ، ތިނަދޫ އަލަށް އާބާދުކުރެވުނުތާ 55 އަހަރު ފުރޭދުވަސް، ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގެ ހުރިހާ މުވައްސަސާ ތަކާއި، އާންމު ރައްޔިތުން ގެ އިތުރުން ތިނަދޫ ކައުންސިލުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ތިނަދޫ އަލަށް އާބާދުވިތާ 55 އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް، ތިނަދޫ ކައުންސިލާއި، ތިނަދޫގައި ހިންގަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ތައްޔާރުވަމުންދާ ކަމަށް ފާހަގަކޮށްލަމެވެ.
ތިނަދޫ އަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ 1962 ވަނަ އަހަރު 4000 މީހުންގެ އާބާދީއެއް އޮއްވާއި، ފަޅު ކުރެވުނު ރަށެކެވެ. އަދި 1966 ވަނަ އަހަރު އަލުން އާބާދުކުރެވުނު ރަށެކެވެ. ތިނަދޫ އަލުން އާބާދުވުމަށް ސަރުކާރުން އެފުރުސަތު ހުޅުވާލުމުން، ތިނަދޫ އަށް އެނބުރި އާބާދުވީ 1800 ރައްޔިތުންނެވެ.