ޚަބަރު
މާލޭގައި 15 ބުރީގެ ޕާރކިންގް އިމާރާތެއް އަޅަނީ

މާލޭގައި ދިމާވެފައިވާ ޕާރކިންގް ގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލޭގައި 15 ބުރީގެ ޕާރކިންްގް އިމާރާތެއް އަޅަން ނިންމައިފިއެވެ.

މާލޭ ސިޓީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މައްޗަންގޮޅީގައި އަޅަން ނިންމާފައިވަނީ މިކްސް ޔޫސް ޕާރކިންގް އިމާރާތެއް ކަމަށާއި އެ އިމާރާތުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެން ދާނެ ކަމުގައެވެ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ބެހޭގޮތުން މައްޗަންގޮޅީގައި ބޭއްވި އާންމު މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭގައި ޕާރކް ކުރާނެ ޖާގަ ހޯދެން ހުރީ މިފަދަ ގޮތަކަށް އިމާރާތް އަޅައިގެން ކަމަށާއި އަދި މިހެން އިމާރާތް އަޅާއިރު ދައުލަތާއި ކައުންސިލްގެ ބަޖެޓުން ހަރަދު ނުކޮށްވެސް އެކަން ކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދުމަކީ ވަަރަށް މުހިންމު ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަދަ މަސައްކަތްތަކަށް އިންވެސްޓްމެންޓްތައް މުހިންމު ކަމަށާއި، މިފަދަ އިމާރާތް ހަދަން ކުރެވޭ ހަރަދު މިކަމަށް އިންވެސްޓް ކުރާ މީހުންނަށް އަނބުރާ އިމާރާތުން ލިބޭ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުން މުހިންމު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މި 15 ބުރިން 6 ވަރަކަށް ފްލޯ ޕާރކިންގް އަށް ނަގާފައި ދެންތިބި ފްލޯތަށް ފިހާރަ ނުވަތަ އޮފީސް ތަކުގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. އަދި އޭނާ ވިދާޅުވީ މިހާރު މި އިމާރާތް ހަދަން ނިންމާފައިވަނީ މައްޗަންގޯޅި ސަހަރާ ހުރި ބިމުގައި ނަމަވެސް ރައްޔިތުން ހިތްހަމަ ނުޖެހޭ ނަމަ އެހެން ސަރަހައްދަކަށް އެ އިމާރާތް ބަދަލުކުރާނެ ކަމުގައެެވެ.

މައްޗަންގޮޅި ސަހަރާގައި ޕާކިން އިމާރާތެއް އަޅަން ނިންމިއިރު މައްޗަންގޯޅި ސަހަރާގެ ހުޅަނގު ފަރާތުގައި މިހާރުވެސް ޕާރކިންގް ޒޯނެއް އޮތްކަން ފާހަގަކޮށްލެވެއެވެ.

 

Comment