ޚަބަރު
ހުއްދަ ނެތި ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ކުރި މައްސަލައެއް

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ހުއްދަ ނުދެނީސް މަސައްކަތް ފެށި މައްސަލައެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަން ފަށައިފި އެވެ.

މި މަހު 18 ވަނަ ދުވަހު ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތާއި، ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ނިންމާލުމަށް ފަހު ފިނިޝިންގް މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ހިޔާގެ އެޗް16 ވަނަ ޓަވަރުގެ ފްލެޓެއް ތެރޭ ބަޔަކު މުށި ޖަަހަމުން ދަނިކޮށް “އާންމުންގެ އެކުވެރި ގުޅުން” ޖަމިއްޔާގެ ގިނަ މެމްބަރުންތަކަށް ފެނި އެކަން އެޗްޑީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ ޖަމިއްޔާއިން ކުރި ސޯޝިއަލް މީޑިއާގެ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

އަދި މިހާރު ފްލެޓުގެ ވެރި ފަރާތަށް ގުޅައި މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި، އެއްވެސް މަސައްކަތެއް ކޮށްފައި ހުރިތޯ ބެލުމަށް އެ ކުންފުނީގެ މުވައްޒަފުން ދިޔައިރު އެޕާޓްމަންޓު ތަޅުލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ފްލެޓް އިންސްޕެކްޓު ކުރުމަށް ފްލެޓަށް ވަދެވޭނެ ގޮތެއް ހޯދުމަށް އެޗްޑީސީން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުގެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ފްލެޓް ލިބުނު މީހުންނަށް ދޭނެ ކަމަށް ބުނި ނަމަވެސް މިއީ މިކަމަށް އެންމެ އެކަށީގެންވާ މުއްދަތު ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.