ޚަބަރު
ވެހިކަލްތައް ނެގުން މެދުކަޑާ ލުމަށް ފަހު އެ މަސައްކަތް އަލުން ފަށަނީ

 މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ތިބި ވެހިކަލްތައް ނަގަމުން ދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެން އެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އަލުން މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިިއެވެ.

 މިކަން އިއުލާން ކޮށްފައިވަނީ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަމުންނެވެ.

މާލޭގެ ގަލޮޅުގެ ރައްޔިތުންނާ އެކު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އާންމުންގެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ހުއްޓާލުމަށް ފަހު، މި މަސައްކަތް އަލުން ފަށަނީ އާ އުސޫލެއް ހަދައި އިންސާފުވެރި ކަމާއެކު ކަމުގެ ފުރިހަމަ ޔަގީން ކަން މޭޔަރ މުއިއްޒު ވަނީ ދެއްވާފައެވެ.

މިގޮތުން މި އާ އުސޫލާއެކު އަންނަ ހަފުތާ ބަންދުގައި އަލުން އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މާލެ އަށް ދިމާވެފައިވާ ޕާރކިންގެ ގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ހާލާކުވެފައިވާ އުޅަނދުތައް ނަގައި މަގުތަށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގަައެވެ.

މި މަސައްކަތް ކުރަމުން އަންނަނީ މާލެ ސިޓީ ކަައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ.