ޚަބަރު
ފިޔޯރީ ނަރުދަމާ ނިޒާމުގެ މަސައްކަތް ނުފެށި ލަސްވެފައި

ނަޖިސް ޖަންކުޝަން ބަހައްޓާނެ ތަނެއް ހަމަނުޖެހިގެން ފިޔޯރީ ނަރުދަމާ ނިޒާމުގެ މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށް ފިޔޯރީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ފިޔޯރީގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށްވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިއުއެސްއޭ) އާއި ސަރުކާރުން ޙާވާލު ކުރައްވާފައިކަމަށާއި ހަދަންޖެހޭ ސާރވޭތަކާ ކުރެހުން ވެސް އެފަރާތުން ވަނީ ނިންމާފައިކަމަށެވެ.

ރައީސް ފައިޒަރު ވިދާޅުވީ އެމްޑަބްލިއުއެސްއޭ އާއި މަސައްކަތް ޙަވާލު ކުރެއްވިތާ މިހާރު 1 އަހަރުވެއްޖެ ކަމަށާއި ޢަމަލީ ގޮތުން މަސައްކަތް ނުފެށި ލަސްވަމުން ދަނީ ބަހައްޓަންޖެހޭ ބޮޑު 3 ޖަންކުޝަންގެ ތެރެއިން 1 ޖަންކުޝަން ބަހައްޓަން ޖެހޭ ތަން ފައިނަލް ނުވެގެންކަމަށެވެ.

“ކުރީގެ ކައުންސިލުން ވަނީ 3 ވަނަ ޖަންކުޝަން އޮފީސް ކުރިމަތީގައި ބެހެއްޓިޔަސް އޯކޭ ކަމަށް ވިދާޅުވެފަ. ނަމަވެސް އަޅުގަނޑުމެން އެކަމާ އެއްބަސް ނުވަން. ސަބަބަކީ އޮފީސް ކުރިމަތީ ޖެހިގެން އޮތީ މޫދު. އެހެންވީމަ އެދޭތެރޭގައި ނެތް ޖާގައެއް”. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު

ފިޔޯރީގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ފިޔޯރީއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އެރަށު ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.

Comment