ޚަބަރު
މިފަހަރު ގެމަނަފުށި ޒުވާނުން އުނދޯލި ހެއްލާލީ ކަނޑުއަޑީގައި

ގއ ގެމަނަފުށީގެ ޒުވާނުން އިސްނަގައިގެން އަނެއްކާވެސް ތަފާތު ރީތި ގޮތަކަށް އެރަށުގެ ނަން އަޅައި، އުނދޯޔެއް ހަދައިފިއެވެ.

މިފަހަރު ފެނު އަޑީގައި ހަދާފައިވާ އުނދޯލި ހަރުކޮށްފައިވަނީ ގެމަނަފުށި ކައިރީގައި އޮންނަ މެދުފުށީގެ ބޭރު ފަރުގައިއެވެ. އަދި ރަށުގެ ނަން އިނގިރޭސި އަކުރުން އުނދޯލީގައި އެޅުމަށްފަހު ކަނޑު އަޑީގައި ބަހައްޓާފައިވާ މިއުނދޯލި އަކީ ގެމަނަފުއްޓަށް ނިސްބަތްވާ ޒުވާނުން ތަކެއް ކުރި މަސައްކަތަކެވެ.

މިކަމާއި ގުޅިގެން، މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ ހުސައިން އައިހަމް “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ، މި ޚިޔާލު ގެނެވުނީ ރާއްޖޭގެ ރިސޯޓެއްގައި މިފަދަ ގޮތަކަށް އެއްޗެއް ހަދާފަ ހުރުމުން އެ މަސައްކަތް ރީތި ވުމުގެ ސަބަބުން ކަމަށެވެ.

އިތުރަށް އައިހަމް ބުނީ، މި މަސައްކަތައް ޖުމްލަ ތިން ދުވަސް ހޭދަވި ކަމަށްއި، ދަނގަޑުން ނަަމާއި، އުނދޯލި ވެލްޑިން ކޮށްގެން ކޮންކްރީޓް ބުޑުގައި ހަރުކުރީ ކަމަށްވެސް އައިހަމް ބުންޏެވެ.

އައިހަމް ބުނީ މި ފެނު އަޑީގައި ހެދި މި އުނދޯލީގެ ބޭނުމަކީ، ގއ.ގެމަނަފުއްޓަކީ ވަރަށް ގިނަ އަދަދަކަށް ޗުއްޓީ ހޭދަކޮށްލުމަ ގިނަ ބަޔަކު އަންނަ ރަށަކަށް ވެފައި، ރަށަށް އައިސް އުޅުމުގައި ތަފާތު ކަންތައްތަށް ކޮށްލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން އައިހަމް ބުނީ، ރަށުގެ ޒުވާނުން މިހާރުވެސް އެހެން މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގެމަނަފުށިން ތަފާތު ރީތި ތަންތަން ފެނިގެން ދާނެކަމަށްވެސް އައިހަމް ބުންޏެވެ.

ގއ.ގެމަނަފުއްޓަކީ، ރީތި ހިތްފަސޭހަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. ގުދުރަތީ ރީތި ކަމުގެ އިތުރުން، ރަށުގެ ރައްޔިތުންގެ މަސައްކަތުން ގެމަނަފުށީގައި އަބަދުވެސް ޒިޔާރަތް ކޮށްލަން ރީތި ތަންތަން ހަދާފައި ހުރެއެވެ.