ރަސްމީ ދަތުރުފުޅެއްގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުالله އާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވައިފިއެވެ.
ގއ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމަށް ގދ. އަތޮޅު ކައުންސިލުން ވަޑައިގަތުމުން ވިލިނގިލިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގދ.އަތޮޅު ރައީސް އާއި، ގއ.އަތޮޅު ރައިސް ބައްދަލު ކުރެއްވުން
މިއަދު ހެނދުނު ގއ.ވިލިނގިއްޔަށް ވަޑައިގެން ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ގއ.އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިހާން އާއި ބައްދަލު ކުރައްވާފައެވެ. ގއ ސްޓޭޓް ހައުސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އަތޮޅުގެ ކައުންސިލްތަކާ ގުޅިގެން އަތޮޅު ފެންވަރުގައި ހިންގަން ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން ދެ އަތޮޅުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ދެ ރައީސުން ވަނީ މަޝްވަރާ ކޮށްފައެވެ.
ގދ.އަތޮޅު ރައީސް އާދި ކައުންސިލު މުވައްޒަފުން، ވިލިނގިލީ ކައުންސިލާއި ބައްދަލު ކުރެއްވުން
މި ދަތުރުގައި، ގދ.އަތޮޅު ކައުންސިލުގެ ރައީސް އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ އެރަށު ގެ ރަށުކައުންސިލާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދެކައުންސިލުގެ މިހާރުގެ މަސައްކަތްތަށް ހިއްސާ ކުރެއްވުމުގެ އިތުރުން، ވިލިނގިލީ ކައުންސިލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވާ، ބިދޭސީން ގެ މައްސަލަތައް ފާހަގަ ކުރައްވާފައިވެއެވެ.
ެއެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރީގައި، ބިދޭސީން އުޅެމުންދާކަމުގެ ޝަކުވާތައް އެ ރަށުކައުންސިލަށް ލިބެމުންދާކަމަށް އެ ރަށު ކައުންސިލުން ވަނީ ހިއްސާ ކޮށްފައެވެ. އަދި އެކަމަށް ދެއަތޮޅުގެ އެންމެން ގުޅިގެން މަޝްވަރާ ކުރެވުނެވެ.
ހުވަދު އަތޮޅުގެ ދެ ކައުންސިލް ބައްދަލު ކުރެއްވުން
ރަސްމީ ދަތުރުފުޅެއްގައި، މިއަދު ވިލިނގިއްޔައް ވަޑައިގެން، ގދ. އަތޮޅު ކައުންސިލުން ވަނީ ގއ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. މިއަދު މެންދުރު ގއ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގއ. އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލްގެ މަސައްކަތްތަކާއި އަތޮޅު ރަށްރަށާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި، ދެ އަތޮޅުގެ ތަރައްޤީއަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި އިދާރީ ގޮތުންނާއި، އެހެނިހެން ގޮތް ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތަކާއި ބެހޭ ގޮތުން ވަނީ ދެކައުންސިލު ދެމެދުގައި ޚިޔާލު ބަދަލު ކުރެވި މަޝްވަރާ ކުރެވިފައެވެ.
ގދ.އަތޮޅު ކައުންސިލުގެ މި ދަތުރު، ނިންމާލުމަށް ފަހު އެނބުރި ތިނަދޫ އަށް ވަޑައިގަތުން އޮތީ މިއަދު ހަވީރު ގެ ވަގުތެއްގައެވެ. އަދި ދަތުރު ނިންމަވާލެއްވުމަށްފަހު ގދ އަތޮޅު ކައުންސިލުގެ ރައީސް ފައިހަތު ވަޑައިގަންނަވާނީ ކޫއްޑޫ މަގުން އައްޑޫ ސިޓީއަށެވެ.