އޯޓިޒަމް އަކީ އުމުރަށް ދިގުދެމިގެންދާ ފަދަ ނުކުޅެދުންތެރި ކަމެކެވެ. މިނުކުޅެދުންތެރިކަމުގެ ސަބަބުން މީހާއަށް މައުލޫމާތު ލިބިގަންނަ ގޮތާއި، އޭނާގެ ވަށައިގެން އަންނަ ކަންތައްތައް އިހުސާސް ކުރުމުގައި އުދަނގޫތަކެއް ދިމާވެއެވެ. މީހަކާ ދިމާވުމުން އެމީހެއްގެ މޫނަށް ނުވަތަ ހަށިގަނޑަށް ބަލާލުމަށްފަހު އެމީހެއްގެ އިހުސާސްތައް ދެނެގަންނަން އޯޓިޒަމް ހުންނަ ކުދިންނަށް ބައެއް ފަހަރު ދަތިވެއެވެ.
އޯޓިޒަމް ހުންނަ ކުދިންނަކީ ގިނަ ފަހަރު މުއާމަލާތް ކުރުމާއި މީހުންނާއި ގުޅިގެން އުޅުމަށް ބޭނުންވާ ބައެއް ނޫނެވެ. މީހުން ގިނަ ތަންތަނުގައި މީހުންނާއި ގުޅިގެން އުޅުމަކީ މިފަދަ ކުދިންނަށް އުދަނގޫ ކަމެކެވެ. މިފަދަ ކުދިންނަށް ވަކި ބަސްތައް އެނގެނީ އެބަސްތައް އެބުނާގޮތަށް ކަމުން، މަޖާޒީ ބަސްތަކާއި، ސަމާސާގެ ގޮތުގައި ބުނާ ބަސްތައް ނަގައިގަންނަން އުދަނގޫވެއެވެ.
އޯޓިޒަމް ޖެހިފައިވާ ކުދިންގެ ކިބައިން ފެނިދާނެ އާންމު އަލާމާތްތަށް:
-
ނަމުން ގޮވާލުމުން ނުބެލުން (އުމުރުން 1 އަހަރުވާއިރު ވެސް ނަމުން ގޮވާލުމުން ނުބެލުން)
-
ސަމާލުކަން ދީގެން ވަކި އެއްޗަކަށް އިގިލި ދިއްކޮށް ނުހެދުން (އުމުރުން 14 މަސް ފުރި ދިޔައިރުވެސް)
-
ކުޑަކުދިން ކުޅޭ (ބަތް ކައްކާކުޅުން، ބުދު ފެންވަރުވާ ކާންދިނުން ފަދަ) ކުޅިވަރުތައް ނުކުޅުން (އުމުރުން 18 މަސް ފުރިދިޔަ އިރުވެސް)
-
ކައިރީގައި ހުރެގެން ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކޮށް ނުބެލުން (އެހެން މީހުންގެ މޫނަށް ބަލާ ކަޅިއާއި ކަޅި ހަމަ ނުކުރުން) ނުވަތަ ހަތަރުކަޅި ހަމަނުކުރުން
-
އެކަނި ވަކިން ތަންތަނުގައި އިނުމަށް ލޯބިކުރުން
-
އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް ނުކުޅެދުން
-
އަމިއްލަ އިހުސާސްތައް ހާމަކޮށް ނުދެވުން (އަމިއްލަ އިހުސާސްތަކާއި ބެހޭގޮތުން ވާހަކަ ނުދެއްކުން)
-
ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުން
-
ވާހަކަ ދައްކަން ފަށާ އުމުރު މަތިވުން
-
އެއް ބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔަމުން ގެންދިއުން
-
ބުނާ ބަހެއް އެބުނި ގޮތަކަށް ބުނުން
-
ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން
-
ކުދިކުދި ކަންތައްތަކުން އަވަހަށް ރުޅި އައިސް ޖަވާބު ދިނުން
-
އަތްތިލަ ބަޑި ޖެހުމާއި، ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތްކުރުން (ވަށްބުރަށް ވާހެން އެނބުރުން/ ބޯގުޑުވުން/ ކޮނޑުއެރުވުން)
-
އިވޭ އަޑުތަކާއި، ދުވާ ވަހާއި، ފެންނަ ތަކެއްޗާއި މެދު ފާޅުކުރާ ޝުއޫރު އެހެން މީހުންނާއި ތަފާތުވުން
-
ހޯދަން އުޅުނަސް އަޅާނުލުން
-
ކިތައްމެ ވަރަކަށް ސަމާސާ ކުރިޔަސް ހީވެސް ނުލުން
-
އެހެން މީހުންނަށް ފޮނި ދައްކައި ނޫޅުން
-
އެހެން ކުދިން ކޮޕީ ނުކުރުން
-
ލޮލުގައި ޖެހޭ ވަރަށް އަތްކައިރި ކޮށްގެން އަމިއްލަ އިގިއްޔާއި ކުޅުން
-
މަތިންދާ ބޯޓެއް ފަދަ އެއްޗެއް ފެނުނަސް އެހެން ކުދިންނަށް ނުދެއްކުން
-
އަލަށް ގެނެސްދޭ ކާރު ފަދަ ކުޅޭ ތަކެތި އެހެން ކުދިންނަށް ދައްކަން ނޫޅުން
-
ބުރުމާ، މިކްސްޗަރު ފަދަ ތަކެތި ޖެއްސުމުން ރުޅިއައުން
-
އެއްކަމެއް ތަކުރާރުކޮށް އެއްގޮތަކަށް ކުރަމުން ގެންދިއުން
-
ކުރަމުން އައި ކަމެއް ބަދަލުވުމުން އެކަމަށް ހޭނެން އުދަނގޫވުން
-
ކުރިން ހުރި ހުނަރެއް ނެތިދިއުން (މިސާލަކަށް ކުރިން ކިޔަމުން އައި ބަހެއް ފަހުން ކިޔަން ނޭގުން)
-
އެހެން މީހުން ގައިގައި އަތްލައި އުރައި ހެދުމުން ހިތްހަމަނުޖެހުން
އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ދިރާސާތަކުން ސާބިތުވާ ގޮތުގައި ކުއްޖާގެ އުމުރުން ހަނގުއިރު މިކަން ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރެވެއެވެ.
ޢޯޓިޒަމް އަކީ ބައްޔެއް ނޫން.އެހެންވީމަ އޯޓިޒަމް ޖެހިފައިވާ ކުދިންނޭ ކިޔާފަ ސުރުޚީ ލިޔުން ރަނގަޅެއް ނޫން